ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާހްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު މިތަން އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޒަކާތު ހައުސްއިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ވެސް މިއަދު އެތަން އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވަނީ ދައްކައިލައިފައެވެ. އަދި ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ދެއްކިއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކައިގައި ދައްކަވާފައިވާއިރު، ވަޒީރު ޑރ. ޝަހީމް ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަޒީގެ ވާހަކާގައި ޒަކާތު ހައުސްއެއް ރާއްޖޭގައި ޤާއިމްކުރައްވަން ރައީސް މުޢިއްޒު ކުރެއްވި މަސައްކަތްޕުޅު ވެސް ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!