ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއު އާބަންކޯއިން ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުފެ ފުރަތަމަ ފޭސްގެ 10 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައެވެ.

Ad
rt

ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރު ހިއްކާނެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެ ސަރަހައްދަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ. ބިން ހިއްކާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރު ގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، މި މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ.

މީގެ އިތުރުން މިސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ތަރައްގީވެގެން ދާއިރު ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.