އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރި އަށް ބާރުގަދަ ބިންހެލުމެއް މިއަދު އައިސްފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ބިންހެލުން އައީ ރެކްޓަ މިންގަނޑުން 5.6 ގެ ބާރުމިނުގައި ކަމަށެވެ. ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން އަދި ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި 5.6 ގެ ބާރުމިނުގެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން/ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ. pic.twitter.com/6JBz5i3cEb
— Maldives Meteorology (@MetMaldives) December 30, 2023
ރިޕޯޓުތައް ބުނާ ގޮތުގައި ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިންނެވެ. ސުނާމީގެ އިންޒާރެއް ނެތަސް، އަވަށްޓެރި ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެދިފައެވެ.
ބިންހެލުން އައި ސަރަހައްދު ކައިރީގައި ތިބި ބައެއް މީހުންނަށް ލޮޅުމުގެ އަސަރު ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައްޑުއާ ދިމާލުން ރާއްޖޭގެ ސަރަހައްދަށް ހަތަރު ބިންހެލުމެއް އައިސްފައިވާ ކަމަށް ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ވެސް ވަނީ ބުނެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާ ގޮތުގައި ފުރަތަމަ ބިންހެލުން 4.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައިއިރު، ދެން އައީ އެއަށް ވުރެ ވަރުގަދަ ބިންހެލުންތަކެވެ. އޭގެ ފަހުގައި ބިންހެލުންތައް އައީ 5.0 އާއި 5.2 އަދި 5.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
މީގެ 19 ވަނަ އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އައި ބާރުގަދަ ބިންހެލުމުގައި ރާއްޖެ ހިމެނޭ ހެން އޭޝިއާގެ ބައެއް ގައުމުތަކަށް ސުނާމީ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!