ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ހަވީރު ކުޅުނު މެޗު ޔުނީފޯމުން ކާމިޔާބު ކޮށްފިއެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޔުނީފޯމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ޔުނީފޯމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަހުލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫތު ފްރެންޑްސް މައްޗަށް ކުރި ހޯދިނަމަވެސް ދެވަނަ މެޗުން މިވަނީ ބަލިވެފައެވެ.

Ad
rt

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނީފޯމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ހުސެއިން ރަމީޒް ޖަހައިދިންއިރު ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ ފަޒީންއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޔުނީފޯމްގެ ތިންވަނަ ލަނޑު ޖެހީ ހުސެއިން ސިނާން އެވެ. އަހުލީގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ ފަހުކޮޅު ޔުނީފޯމްގެ ހުސެއިން ރަމީޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި އަހުލީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. މި ހާފުގައި އެ ޓީމުން ލަނޑުޖަހާނެ ފުރުޞަތުތައް ހޯދިއިރު، އެ ޓީމްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އަބްދުﷲ ޝިފާޒް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް އާރުއޭސީއެލްގެ އެމްޑީ މުބީން އިނާމު ހަވާލުކޮށްދެއްވަނީ، ފޮޓޯ: ހަސަން

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނީފޯމްގެ ޖޯޒީ ނަމްބަރު 29، ހުސެއިން ރަމީޒެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޔޫތު ފްރެންޑްސް އާއި ކްލަބް ޑޮމިނޭޓާސްއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.