ތިިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް ތައްޔާރީތައް ފަށައިފިއެވެ.
މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ.
އަންނަ އަހަރުގެ މަސްފިހުމުގެ ހަރަކާތް ޖަނަވަރީ ދެވަނަ ދުވަހަށް ތާވަލުކޮށް ސްޓިއަރިން ކޮމެޓީ އެކުލަވާލައި މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ. މިގޮތުން މަސް ފިހުމަށް ބޭނުންވާ ދަރު އެއްކުރުމަށް މި މަހުގެ 23 ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އެ ދުވަހު ރަށުގެ ފިރިހެން ވެރިން ނުކުމެ ވަލުތެރެއިން ހިކިގަސް ހޯދައި އެ ކަނަޑައި ބޭނުންވާ މިންތަކަށް ބުރިކޮށް ބަނދަރަށް ޖަމާކުރާނެއެވެ. މި މަސައްކަތުގައި ފިރިހެން ވެރިން ހަރަކާތްތެރިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ ކަނބަލުން ފިނި ބުއިންތަކާއި ކެއުންތައް ފޯރުކޮށްދޭނެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ މަސްފިހުމުގެ ހަރަކާތް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައެވެ.
އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ފަށައިގެން ފޯރީގައި ކުރިއަށް
އުލިގަމުގެ އާބާދީގައި ފަސްސަތޭކައަށްވުރެ ގިނަ މީހުންތިބިއިރު މި ހަރަކާތުގައި ގާތްގަނޑަކަށް 700 އެއްހާ މަސް ފިހަން ވަނީ ނިންމާފައެވެ. ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށް ވުމުން މި ހަރަކާތަށް ރަށުން ބޭރުގައި އުޅޭ ރަށު މީހުންނާއި، އެހެން ރަށްރަށުގެ މީހުން ޒިޔާރަތް ކުރާނެއެވެ. އަދި މި ހަރަކާތުގައި އެ ރަށުގައި ދިރިއުޅޭ ބިދޭސީން ވެސް ބައިވެރި ކުރެއެވެ. ވުމާއިއެކު މި އެންމެހާ ފަރާތްތަކަށް ބޭނުންވާ ވަރަށް މި އަހަރު ވެސް މަސް ފިހުމަށް ވަނީ ނިންމާފައެވެ.
އައު އަހަރު ފެށޭ ދުވަހަކީ މަސް ފިހުމަށް ބޭނުންވާ އޫ ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ދުވަހެވެ. އެ ދުވަހު ބަނދަރު ސަރަހައްދުގައި ފަންތޮށިން މަސްފިހާ އޫ ހެދުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ އުޅޭނީ ރަށުގެ ފިރިހެނުންނެވެ. ދެ ދުވަހު ވެސް ކަނބަލުންގެ ފަރާތުން ޖޫހާއި ކެއުންތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ފޯރިއާއިއެކު ކުރިއަށް ދާނެއެވެ.
މި ހަރަކާތުގައި ފިހަން ބޭނުންވާ މަސް ހޯދުމަށް ޖަނަވަރީ ދެވަނަ ދުވަހު ފަތިހާ ދޯނިތައް ފުރާނެއެވެ. މަހަށްފުރާ ދޯނިތަކަށް ކަނބަލުން ނުކުމެ ސައި އަރުވާ ހަދާނެއެވެ. ބޭނުންވާ މަސް ހޯދުމަށް މައިގަނޑު ތިން ވައްތަރެއްގެ މަސްވެރިކަން ކުރާނެއެވެ. އެއްބައި ދޯނިތައް ފައްތައިގެން މަސްބާނާނެއެވެ. ދިރޭ އެމުލައިގެން މަސްބޭނުމުގައި ބައެއް ދޯނިތައް ހަރަކާތްތެރިވާއިރު ފީނައިގެން މަސްހިފާ ޓީމެއް ވެސް އޮންނާނެއެވެ.
އެ ދުވަހުގެ ހެނދުނުން ފަށައިގެން ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ވަރަށް ފޯރީގައި މަސް ފިހުމުގެ ހަރަކާތައް ތައްޔާރުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެއެވެ. މަސްބާނައިގެން ދޯނިތައް އެ ދުވަހު މެންދުރު ފަހު ލަފާއިރު ދޯނިތަކުގެ ފަޅުވެރިންނަށް ފަންޏާއި ބިސްފަދަ ކާތަކެތި އަންހެން ވެރިން ގެންދާނެއެވެ.
ބޭނި މަސްތައް ތައްޔާރުކޮށް މިރުސްލައި އަލިފާންގަނޑު ތައްޔާރުކޮށް މަސް ފިހަން ފަށާނީ ހަވީރުއެވެ. އޭރު އެއާއެކު ކެއުމަށް ބޭނުންވާ ބޮނޑިބަތް ކެއްކުމުގެ މަސައްކަތް އަންހެން ވެރިން ކުރިއަށް ގެންދާނެއެވެ. މި އަހަރު ތިން ވައްތަރެއްގެ ބޮނޑިބަތް ކެއްކުމަށް ވަނީ ނިންމާފައެވެ. އެއީ ހަނޑުލު ބޮނޑިބަތާއި ސާގު ބޮނޑިމަތުގެ އިތުރުން މާޅޮސްކޭލޫ ބޮނޑިބަތެވެ.
ކެއުމަށް އިންސާފް ކުރުން އޮންނާނީ އެ ރޭ އިޝާނަމާދަށް ފަހު ބަނދަރު ސަރަހައްދުގައެވެ. މި ކެއުމުގައި ރަށުގެ ކުދިބޮޑު އެންމެންގެ އިތުރުން ބިދޭސީންނާއި ރަށަށް އަރާ މެހެމާނުންނަށް ވެސް ބައިވެރިވެވޭނެއެވެ. އެއްވެސް ތަފާތކުރުމެއް ނޯންނާނެއެވެ.
މީގެ އެތައް އަހަރެއް ކުރިން މަދު ބަޔަކު އެއްވެލައިގެން ފެށި މަސް ފިހުމުގެ މި ހަރަކާތަކީ މިއަދު އުލިގަމުގެ އެނެމް ބޮޑު އިޖުތިމާއީ ހަރަކާތައް ވަނީ ވެފައެވެ. އަދި މިއީ މުޅި ރާއްޖޭގައި ވެސް ބާއްވާ މަސްފިހުމުގެ އެންމެ ބޮޑު ހަރަކާތެވެ. ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކަށް އުލިގަމުން އޮތީ މަރުހަބާ ކިޔަން ތައްޔާރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!