ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް މާކެޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުށަހަޅާފައިވާ ކަރުދާހަކަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް އުފައްދަން ނިންމާފައިވާ ކުންފުނީގެ ނަމަކީ "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" އެވެ.
މި ކުންފުންޏަކީ އެކުއަކަލްޗަރ، މެރިކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މެންޑޭޓްގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާކެޓްތައް ހޯދުން ހިމެނެއެވެ.
މި ކުންފުނި އުފެއްދުމާއެކު މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށް ވެސް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.
މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ހަފުތާ 14 މަގުޗާޓު ''ހަފުތާ 14'' ގައި ވެސް ހިމަނާފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!