އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވުމުގެ ފައިދާނަގައި އާސެނަލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެންމެ ފަހުން ލިވަޕޫލް ދަނޑުގައި އެ ޓީމުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ފަސޭހަކަމާއި އެކު ވަނީ ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަންގެ ފަހުކޮޅު އަމިއްލަ ދަނޑުގައި ލިވަޕޫލުން 7-0 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކުރިއެވެ. ރޭ މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއެވެ. ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ޑިފެންސަށް އިސްކަން ދީގެން ކުޅެމުންދިޔައ ޔުނައިޓެޑުން ވަނީ ލިވަޕޫލް ހުއްޓުވާފައެވެ.
ރޭ އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށްފައެވެ. މި މެޗުގައި އާސެނަލްއަށް ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޖީސަސް ޖަހައިދިން އިރު ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒްއެވެ.
ޔުނައިޓެޑް އަތުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެމި އޮތުމުގެ ފުރުޞަތު ލިވަޕޫލަށް އޮތެވެ. މެޗު އެއްވަރުވުމުން ލިވަޕޫލަށް ދެ ޕޮއިންޓް ގެއްލުމުގެ ފައިދާ އާސެނަލުން ވަނީ ނަގައި އެއްވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ 17 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެވަނާގައި އޮތީ 17 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!