ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް ސްޓޭޖް ފަހުމެޗަށް ރޭ ރެއާލުން ޔޫނިއަން ބާލިންއާއި ދެކޮޅަށް ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައެވެ. ރޭ ޔޫނިއަން ބާލިން ދަނޑުގައި ކުޅުނު މެޗު ރެއާލުން ވަނީ 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓް ރެއާލުން ހަމަކުރިއިރު، ގްރޫޕް ސީގެ ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ނަޕޯލީއެވެ. އެ ޓީމް ވަނީ ރޭ 2-0 ގެ ނަތީޖާއިން ބްރާގާ ބަލިކޮށްފައެވެ. މި ގްރޫޕްގެ ތިންވަނަ ހޯދައި ބްރާގާ ޔޫރޮޕާ ލީގުން ޖާގަ ކަށަވަރުކުރި އިރު، ގްރޫޕް ފުލަށް ދިޔައީ ޔޫނިއަން ބާލިންއެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖެހީ ޔޫނިއަން ބާލިން އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ކެވިން ވޮލަންޑްއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ރެއާލަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ މޮޑްރިޗް ފޮނުވާލިއިރު ބާލިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ރެއާލަށް މެޗުގެ ފުރަތަމަ ލަނޑު 61 ވަނަ މިނެޓުގައި ޖަހައިދިނީ ހޮސެލޫއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރޮޑްރިގޯގެ އެހީތެރިކަމާއި އެކުގައެވެ. ދެވަނަ ލަނޑު ފެރާން ގާސިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ވެސް ހޮސެލޫއެވެ. މިއީ މި ސީޒަންގައި އޭނާ މިހާތަނަށް ރެއާލަށް ޖަހައިދިން ހަތްވަނަ ލަނޑެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ބާލިންއަށް ލަނޑުޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދިނީ އަލެކްސްއެވެ. މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ފަހު މިނެޓުގައި ސެބާޔޯސް ވަނީ ލަނޑުޖަހައި ރެއާލް މެޗުން މޮޅުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!