ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން ނުވަތަ ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުހައްމަދު ޝަހީބް އައްޔަން ކުރައްވައިފިއެވެ. ޝަހީބް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ޝަހީބު އެންމެ ފުރަތަމަ ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމުންނެވެ. އޭގެ ފަހުން، ޝަހީބު ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ. ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގެން ޝަހީބު މަސައްކަތް ކުރައްވަން ފެއްޓެވީ 1989 ވަނަ އަހަރެވެ.ފުރަތަމަ މަަސައްކަތް ކުރެއްވީ ލަންކާގައި ހުންނަ "ހަވީރު"ގެ ޚާއްސަ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެން "ހަވީރު"ގެ ރިޕޯޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަދި އޭގެ އަހަރުތަކެއް ފަހުން، އޭނާ ވަނީ "ހަވީރު" ގެ ވަރަށް ގިނަ މަގާމުތަކެއް ފުރައްވައިފައެވެ.

Ad
rt

"ހުވާސް" މަޖައްލާގެ އެޑިޓަރުކަން ވެސް ކުރެއްވި ޝަހީބު "ހަވީރު" ގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ސަބް އެޑިޓަރުކަމާއި، އެސިސްޓެންޓް އެޑިޓަރުކަމާއި، ސީނިއަރ އެސިސްޓެންޓް އެޑިޓަރުކަން ހިމެނެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި ޝަހީބު ހާއްސަވެވަޑައިގެންފައި ވަނީ ކުޅިވަރުގެ ދާއިރާއިންނެވެ. އެކަމަކު، އިޖުތިމާއީ މައްސަލަތަކާއި ސިޔާސީ މައްސަލަތައް ވެސް އާންމުންގެ ސަމާލު ކަމަށް ގެންނެވުމަށްޓަކައި ތަފާތު އެކިއެކި ލިޔުއްވުންތައް އޭނާ ލިޔުއްވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މެދުނުކެނޑި ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ނޫސްވެރިންގެ ތެރޭގައި، މުހައްމަދު ޝަހީބު ހިމެނިވަޑަައިގަންނަވައެވެ. އެގޮތުން ދިވެހި ނޫސްވެރިކަމުގެ ޚިދުމަތުގެ ރިހި ގަލަމާއި "ހަވީރު"ގެ ރަން ގަލަން، ޝަަހީބަށް ލިބިވަޑައިގެންފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަހީބު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަން ކުރައްވައިފައެވެ. އެ ކޮމިޝަނުގައި ޝަހީބު ހުންނެވި ދުވަސްވަރު، ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ފަދަ ނިންމުންތަކުގެ ސަބަބުން ޝަހީބަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނިކޮށް އޭނާ ވަނީ 2019 އޮކްޓޯބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން އޭނާ ވަނީ "އަދިވެސް" ކިޔާ ނޫހެއް އުފައްދަވައިފަ އެވެ. މިފަހަކާ ޖެހެންދެން އޭނާ ހުންނެވީ އެ ނޫހުގެ ޗީފް އެޑިޓަރުގެ މަގާމުގައެވެ.