ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ވަކި ކުންފުންޏެއް ގޮތުގައި ހިންގަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މި ނިންމުން ނިންމެވިއިރު، މިފްކޯ ހިންގަމުން އައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ވަޒީރުންނާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިފްކޯ އަކީ 100 އިންސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމުގައި ކަނޑައެޅުއްވިކަން ޢިއުލާން ކުރައްވާފައެވެ.
އެކަން ޢިއުލާން ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންނެވެ.
މިފްކޯ އަކީ ވަކި ކުންފުންޏަކަށް ބަދަލުކޮށް، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މި ކޯޕަރޭޓިވް އަކީ ހުރިހާ މަސްވެރިންނަށް ބައިވެރިވެވޭނެ ކޯޕަރޭޓިވް އެކެވެ.
މިފްކޯ އަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތުން ދިވެހި އިގްތިޞާދަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް އުފައްދާފައިވާ ސަރުކާރުގެ މަސް ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!