ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރަކީ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖުކަމަށް މިއަދު ޢިއުލާންކޮށްފިއެވެ.

މިއަދު ކުރިއަށް ދާ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ދުވަހުގެ އެޖެންޑާ އިއްވަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރެއިން ވަނީ ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަން އެ ޕާޓީން މަޖިލީހަށް މި މަހުގެ 29 ވަނަ ދުވަހު އަންގާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަސްލަމް ވަނީ މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަން ޢިއުލާން ކުރައްވާފައެވެ.

Ad
rt

ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ، 12 އޮކްޓޯބަރު 2023 ގައި އެ މަގާމަށް ހަމަޖެއްސި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު 22 ނޮވެންބަރު 2023 ގައި މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. ފަޒުލް މެންބަރުކަމުން އިސްތިއުފާދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ހަވާލު ވުމަށެވެ.

ޕީއެންސީއަށް ސޮއި ކުރެއްވުމުން 29 ނޮވެމްބަރު 2023 ވަަނަ ދުވަހު މަޖިލީހުގެ އެ ޕާޓީގެ ދަފުތަރުގައި މޫސަގެ ނަން ހިމަނާފައިވާއިރު، މަޖިލީހުގައި ދެން އެ ޕާޓީ ތަމްސީލް ކުރައްވަނީ މިނިވަން މެންބަރެއްގޮތުގައި ގޮނޑި ކާމިޔާބުކުރެއްވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙީމް ނަސީމެވެ.

މޫސަ އަކީ އެމްޑީޕީގެ ޓިކެޓްގައި ފޮނަދޫ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާކަމަށް ވިދާޅުވެ މޫސަ އެ ޕާޓީން ވަކިވެވަޑައިގަތީ 21 އޯގަސްޓް 2023 ގައެވެ. އަދި ހަމަ އެދުވަހު އޭނާ ވަނީ އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް ޑރ. މުޢިއްޒަށް ތާއީދުކުރައްވައި މުޢިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.

މޫސަގެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރެއްވި ފަޒުލްގެ ކުރިން އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހުންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރަކަށް ވަޑައިގަތުމަށް މެންބަރުކަމުން ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާއިރު، މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރި އަނެއް މެންބަރު، މާވަށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސައީދު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރަކަށް ވަޑައިގަތުމަށް ހަމަ އެދުވަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ދެން އެ ޕާޓީގެ މެންބަރެއް ގޮތުގައި ކުރިން ހުންނެވީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެމަނިކުފާނު މަޖިލީހުގައި ތަމްސީލް ކުރެއްވީ އުފަންދާއިރާ، ފަރެސްމާތޮޑާ ދާއިރާ އެވެ.

ޕީއެންސީ އާއި ޕީޕީއެމް އެއް އިއްތިހާދެއްގައި މަސައްކަތް ކުރައްވާއިރު، މިވަގުތު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް ވަނީ ދެ އަކަށް ދަށްވެފައެވެ. މިގޮތުން ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަންނަވަން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން މެންބަރުކަމުން ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން މިވަގުތު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޕީޖީ ލީޑަރަކަށް ހުންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބެހިފައިވާގޮތް

  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް، 13 މެންބަރުން
  • ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، 2 މެންބަރުން
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 2 މެންބަރުން
  • މޯލްޑިވްސް ޑިވޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) 2 މެންބަރުން
  • މިނިވަން 3 މެންބަރުން

ޕީއެންސީ އަކީ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޕާޓީއެވެ.

މިހާރު މި ހިނގާ 19 ވަނަ މަޖިލީހުގެ މުއްދަތު އަންނަ 2024 ވަނަ އަހަރުގެ މެއި 27 އަށް ހަމަވާނެއެވެ.