ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ގައުމަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ތުރުކީވިލާތުގެ އަންކާރާ އެސިންބޯގަ އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ވަނީ އެ ގައުމުގެ އިސް އޮފިޝަލުން މަރުޙަބާ ދަންނަވައިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާއި، ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ބުރާސްފަތި ދުވަހު ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!