ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަންނަ ރޯދަމަހުގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިގޮތައް ނިންމަވާފައިވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ 24 ވަނަ ބައްދަލުވުމުގައެވެ.

Ad
rt

އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ. މިގޮތައް އީސީން އެދުނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީސީން އެދުމުން، އެ ކޮމިޝަންގެ މެންބަރުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން 21 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚް އަވަސް ކުރަން އީސީން އެދުނީ ގާނޫނު އޮތްގޮތުން އިންތިޚާބު ބާއްވަންޖެހޭ ތާރީޚާއި ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްކޮޅާއި އަދި ރޯދަ މަހުގެ ފަހު ދިހަޔާ ދިމާވާތީ އެވެ.

އީސީގެ ހުށަހެޅުމަކީ ރޯދައިގެ ކުރިން މަޖިލީހުގެ އިންތިޚާބު ބޭއްވުން

އީސީގެ މިހުށަހެޅުމަށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ކޮމެޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އީސީގެ އެ ހުށަހެޅުމަށް އަވަހަށް ގޮތެއް ނިންމައިދިނުމަށް އެ ކޮމިޝަނުން މިއަދު ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މިއަދުގެ ބައްދަލުވުމުގައި އެކަމަށް ކޮމެޓީއަށް ފެންނަ ގޮތެއް ނިންމަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮމެޓީގެ ވަގުތުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު ޢަބުދުﷲ ވަނީ ރޯދައިގެ ފަހަށް މަޖިލިސް އިންތިޚާބު ބޭއްވެން ޤާނޫނު ތަންދޭ އެންމެ އަވަސް ތާރީޚަކަށް އިންތިޚާބު ބާއްވަން އީސީއަށް ލަފާދޭން ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތާއީދު ކުރެއްވިއެވެ. އަދި މިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެގޮތައް ވަނީ ފާސްކޮށްފައެވެ.