އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރައްޔިތުންގެ މަޖިލީހުގައި އެދެފިއެވެ.

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީސީން އެދިފައިވާތީ، އެ ކޮމިޝަންގެ މެންބަރުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދެއްކެވި ވާހަކާގައި ވަނީ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ އަހަރުގެ މެއި 28ގައި ހަމަވާކަން ފާހަގަކުރައްވައި، ގާނޫނުގައިވާ ގޮތައް ތާރީޚްތައް ތަރުތީބު ކޮށްލުމުން މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ މާރިޗް 19 ގައިކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްކޮޅެއްކަން ހަބީބު ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންވެ އެންމެ އަވަހަށް ވެސް އިންތިހާބު ބޭއްވެނީ މާރިޗު 30 ގައި ކަން ފާހަގަކުރައްވައި، އެއިރުން އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ 20 ވަނަ ދުވަހާކަން ހަބީބު ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަންކަމާގުޅޭ އިތުރު ސަބަބުތައް ހުރުމާއެކު އީސީން ވަނީ މިކަންކަމަށް ހައްލެއް ގެނައުމަށް ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަދަލު ގެނައުމަށް ދެ ގޮތެއް ހުށަހަޅުއްވާފައެވެ.

އީސީން ހުށަހެޅި ފުރަތަމަ ގޮތް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކުރާ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އޮންނަ މުއްދަތު، 20 ދުވަހަށް ކުރު ކޮށްލުން، މިގޮތަށް ކުރު ކޮށްފިނަމަ، ރޯދަ މަސް ފެށުމުގެ ދެ ދުވަސްކުރިން، މާރިޗް 9 ގައި އިންތިޚާބު ބޭއްވިދާނެ ކަމަށް އީސީން ވަނީ ފާހަގަ ކުރައްވާފައި،

އީސީން ހުށަހެޅި ދެވަނަ ގޮތް

މަޖިލީހުގެ ދައުރު ހަމަވާން 120 ދުވަހަށް ވީމާ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާނު ކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮތް އޮތުމަށް، ދައުރު ހަމަވާން 140 ދުވަހަށް ވީމާ އިޢުލާނު ކުރަންޖެހޭނެކަމަށް ބަދަލު ގެނައުން، އޭރުން އަވަހަށް އިންތިޚާބަށް ހުޅުވައިލެވިދާނެ ކަމަށް އަދި ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވިދާނެ ކަމަށް،

އިންތިހާބުގެ ތާރީހުތައް އީސީން ރާވާ ގޮތަކީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލުން 30 ޖެނުއަރީ 2024 އިން ފެބްރުއަރީ 15 އަށް ކުރިއަށް ގެންދިޔުމަށެވެ. އަދި ފެބްރުއަރީ 17 ގައި ގުރުއަތު ނަގައި ނަންތައް ތަރުތީބުކޮށް، ފެބްރުއަރީ 18 އިން ފެށިގެން 30 ދުވަހުގެ ކެމްޕެއިން މުއްދަތު ދިނުންމެވެ.

މި ހުށަހެޅުމާއެކު އިންތިޚާބު ބާއްވަން އީސީން ހުށަހަޅާފައިވާ ތާރީޚަކީ 30 މާރިޗު 2024 އެވެ.