އިސްލާމީ މަރުކަޒުގެ އިމާމަކަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައި ޝައިޚް މުހައްމަދު ލަތީފް އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޝައިޚް މުހައްމަދު ލަތީފް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދ. މީދޫ އަށް އުފަން ޝައިޚް މުހައްމަދު ލަތީފަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށް ދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ކުރިއަށް ގެންދިޔަ އިންތިގާލީ މަރުހަލާގައި އިސްލާމިކް މިނިސްޓްރީގެ ކަންކަން ބެލުމަށްޓަކައި ކަނޑައެޅި ކޮމިޓީގައި ވެސް ޝައިޚް މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވައެވެ.
ޝައިޚް މުހައްމަދު ލަތީފަކީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިމާމަކަށް ޝައިޚް މުހައްމަދު ލަތީފް އައްޔަން ކުރެއްވުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޝައިޚް މުހައްމަދު ލަތީފަށް ލިބިވަޑައިގެންފައިވާ އިލްމުގެ ސަބަބުން ދިވެހި މުޖުތަމައު އަށް އެކަމުން ފައިދާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު ސުޖާއު އަބްދުލްހަކީމެވެ. ރައީސް ވަނީ އިއްޔެ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމުގެ މަގާމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު އައްޔަން ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!