ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރަން ފަށައިފިއެވެ.
ރައީސް އޮފީހުން ބުނީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމުގެ އިދާރީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"މިއަދު ގެންނަވަން މި ފެއްޓެވި ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެއްވަމުން ގެންދަވާނީ މާލެ ސިޓީ ކައުންސިލުންނެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.
މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޖިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމަވާފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް 2015 ވަނަ އަހަރުން ފެށިގެން ދެމުން ގެންދަނީ އާބަންކޯއިންނެވެ. ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ފުރުސަތު ކައުންސިލަށް ނުލިބޭ މައްސަލާގައި، މޭޔަރުކަމުގައި ހުންނެވިއިރު، ރައީސް މުއިއްޒު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެގޮތުން ރައީސް މުއިއްޒު މާލޭ މޭޔަރުކަަމަށް ވަޑައިގެން ކައުންސިލުގެ ބައްދަލުވުމަކުން ފާސްކޮށްގެން ހުޅުމާލެ އާބްންކޯގެ ދަށުން ނެގުމަށް އާބަންކޯގެ ހުޅުމާލެ ރަޖިސްޓްރީ ބާތިލު ވެސް ކުރިއެވެ. އެ މަސައްކަތް ހުއްޓުނީ، ހުޅުމާލެ އާބަންކޯގެ ދަށަށް ބަދަލުކުރީ ރައީސް މުއިއްޒުގެ މިނިސްޓަރު ކަމުގެ ދަށުން ކަމުން އެކަމާ ގުޅިގެން އަމާޒުވާން ފެށި ފާޑުކިއުންތަކާ ގުޅިގެންނާއި އާބަންކޯގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބޭއްވުމަށް ސިވިލް ކޯޓުން އަމުރު ނެރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!