އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބުދުﷲ ޚަލީލް ވިދާޅުވީ، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްތަރު ބަލަހައްޓަން 24 ސިފައިން އެބަތިބި ކަމަށެވެ. ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިން ތިބިއިރު، ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިން އަދި މެއިންޓެނެންސާއި އިންޖިނިއަރިންގެ މަސައްކަތަށް އިތުރު ދެ ސިފައިން އެބަތިބި ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހި ރައްޔިތުން ބޭނުންނުވާކަމަށާއި، އެހެންވެ ރައްޔިތުންގެ އެ ނިންމުމާ އެއްގޮތަށް އެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ރައީސް މިހާރު ފަށްޓަވައިގެން ކުރިއަށް ގެންދަވާކަން ވެސް ފިރުޒުލް ވަނީ މިއަދު ވިދާޅުވެފައެވެ.
ފިރުޒުލް ވިދާޅުވިގޮތުގައި، މިހާތަނަށް ސަރުކާރުން ކުރެއްވި މަސައްކަތުން ފާހަގަވި ކަންކަމުގެ ތެރޭގައި، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި މި އެއްބަސްވުންތައް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަދަދުތައް ސަރުކާރުން މިއަދު ހާމަކުރެއްވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އިއްޔެ ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!