ފަލަސްތީންގެ ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެެސެންޓުން ހުޅުވާފައިވާ ފަންޑަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ ހެޑް އޮފީހުގެ ބޭރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއެވެ.

Ad
rt

ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑު އެ ޖަމިއްޔާއިން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއް އިދާރާތަކާއި ކުންފުނިތަކުން އެ ފަންޑަށް ފައިސާ ޖަމާ ކުރަން ނިންމަން ޖެހޭ ކަންކަން ހުރުމުން އެ ފުރުސަތު އެތަންތަނަށް އެ ޖަމިއްޔާއިން ދިނެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އުދަނގޫ މިދަނޑިވަޅުގައިވެސް ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ފައިސާ ހަދިޔާކުރުމަކީ ލިބޭ ޝަރަފެެއް ކަމަށެވެ.

މިއެހީ އަކީ ފަލަސްތީންގެ ރައްޔިތުންނާ އެކު ދިވެހިން އެއްބައިވަންތަކަމާ އެކު ތިބިކަން އަންގައިދޭ ރަމްޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ފަލަސްތީންގެ ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑު ހުޅުވީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.