ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލުމުގައި ބައިވެރިވެވަޑައިގެންފައިވާތީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން ނިންމައިފިއެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމަށް އެގޮތަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

Ad
rt

މީގެއިތުރުން ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދާ އިރު، އަފީފާއި އީވާ އަށް މަޖިލިހުގެ ރިޔާސަތުގައި ނުބެލެހެއްޓޭނެ ކަމަށް ނިންމައި، ރިކޮމެންޑޭޝަނެއްގެ ގޮތުގައި އާންމު ކޮމިޓީއެއް ހުށަހަޅަން ވެސް އިމްތިޔާޒް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާތީ މިއަދު ދެ ފަހަރެއްގެ މަތިން ޖަލްސާއެއް ބޭއްވިއެވެ. ފުރަތަމަ ޖަލްސާގައި މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި ވަނީ އެއާ އެކު ހިމަނަން ޖެހޭ ތަފްސީލްތައް ނުހިމަނާ ކަމަށެވެ. ގަރާރުގައި ދީބާޖާއެއް އޮންނަން ޖެހޭނެ ކަމަށް ގަވައިދު ބުނާ އިރު، އެ ގަރާރުގައި ދީބާޖާއެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަންނަ ކަން ފާހަގަ ކުރައްވައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފް ވަނީ ގަރާރު ހުށަހަޅާފައި ވަނީ މަޖިލިހުގެ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ ގަރާރު ބޭރުކޮށްލައި މަޖިލިސް ނިންމަވާލެއްވިއެވެ.

އޭގެ ފަހުން، މިއަދު 11:30 ގައި ޖަލްސާއެއް ބޭއްވި އިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޖަލްސާގެ އެޖެންޑާގައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ، ނިޒާމީ މައްސަލައަކާ ގުޅިގެން، ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.

އީވާ ވިދާޅުވީ އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ގަރާރަކީ، ސުޕްރީމް ކޯޓުގެ ހުކުމަށް އަދި މަޖިލީހުގެ ގަވައިދަށް ރިއާޔަތްކޮށް ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރަކަށް ވާތީ، އެ ގަރާރު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެން ވިދާޅުވެ އިވާ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފައެވެ.