ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖިނާޢީ މައްސަލަތަކުގެ ތަމްރީނެއް ފުރިހަމަކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ.

ޖޭއެސްސީން މިކަން ހާމަކުރެއްވީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދާއި ގުޅޭ މައްސަލައެއް ބެއްލެވުމަށްފަހު މިއަދުއެވެ.

Ad
rt

އިސްމެޖިސްޓްރޭޓްގެ މައްސަލަ ތަޙްޤީޤު ކުރެއްވުމަށްފަހު ޖޭއެއްސީން ވިދާޅުވީ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާޢީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގުނު ކަމަށެވެ.

މި މައްސަލަތައް ޝެޑިއުލްކޮށް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް އެ ކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވެފައިވާކަމަށާއި،އެހެންވެ މެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމުގައި މި މައްސަލަ ނިންމެވުމަށްފަހު ޖޭއެސްސީން މިއަދު ޢާންމު ކުރެއްވި ބަޔާނުގައި ވިދާޅުވެފަވެއެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ކަމާގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށް އެންގުމަށް 01 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ނިންމާފައިވާ ކަަމަށް ޖޭއެސްސީގެ ބަޔާނުގަވެއެެވެ.

މި މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 84 ވަނަ ޖަލްސާއިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރުލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނުނީ ޝަޚުޞެކެވެ.