ފަލަސްތީނުގެ ޣައްޒާ އަށް ނިއުކްލިއާ ބޮން އެޅުމަކީ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް ބުނެ އިސްރާއީލްގެ ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔަހު ދެއްވި އިންޒާރު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގައި ކުށެއް ނެތް އެތައް އާންމުންނަކަށް އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ވާހަކައެއް ދެއްކިޔަސް، އެކަމަށް އިސްރާއީލް ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދޭ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ އަދި އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ގާނޫނާ ހިލާފު މި ފަދަ ވާހަކަތަކަށް ފިޔަވަޅު އަޅަން ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލައިފައެވެ.
ކުށެއް ނެތް އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައު އިން އަވަސް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް ރާއްޖެ އިން ވަނީ ގޮވާލައިފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ތަފާތު އެކިއެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު އެކި އެއްވުންތަކާއި ހިނގާލުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.
އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 10،000 އާ ގާތް ކުރާ އިރު، އޭގެތެރޭގައި 4،000 އެއްހާ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި 2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ. މި ހަމަލާތަކުގައި 25،000 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.
މިދިޔަ 7 ވަނަ ދުވަހު، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ދިން ކުއްލި ހަމަލާއާ އެކުގައި އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ބޮން އަޅައި އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މުޖާހިދުން އިސްރާއީލްގެ އަވަށްތަކަށް ވަދެގަނެ، އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ހިމެނޭ ގޮތަށް 300 އަށް ވުރެ ގިނަ މީހުންނާއެކު ޖުމްލަ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!