ފަލަސްތީނުގެ ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތް!

IMG_2180

މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ހަނގުރާމަ ފެށުނު ފަހުން އެންމެ ހިތްދަތި މަންޒަރުތަކެއް ފެންނަމުން ދަނީ ޣައްޒާ އިންނެވެ. ހަނގުރާމައިގެ ކުރީކޮޅު އިސްރާއީލްގެ ޔަހޫދީން ދިން އިންޒާރަކީ ޣައްޒާގެ އުތުރު ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ދެކުނުގެ ސަރަހައްދަށް ދިއުމަށެވެ. އޭރު ވެސް އުތުރަށް އިސްރާއީލުން ދިޔައީ ހުއްޓުމެއް ނެތި ބޮން އަޅައި އިމާރާތްތައް ބިމާކޮށް އެތައް ބަޔަކު ޝަހީދު ކުރަމުންނެެވެ.

އިސްރާއީލްގެ އިންޒާރާ އެކު، އެތައް އެތައް ލައްކަ ބަޔަކު އުތުރު ޣައްޒާ ދޫކޮށް، ޣައްޒާގެ މެދުތެރެއަށާއި ދެކުނަށް ދިޔައެވެ. އަދި ވަރަށް ގިނަ ރައްޔިތުން އަމިއްލަ ގެދޮރު ދޫކޮށް ނުލާނެ ކަމަށް ބުނެ، ގެތަކުގައި ޖެހިލުމެއް ނެތި ދިރިއުޅެމުން ދިޔައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ފަސްގަނޑުން އެމީހުން ފޭބުމުގެ އޮތީ ކޮން ހައްގެއްތޯއެވެ؟

ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުގައި ނުވަތަ ގެދޮރުގައި ތިއްބާ އެ ތަންތަނުން ނުކުންނަން އެންގުމަށް އިސްރާއީލަށް އޮތީ ކޮން ބާރެއްތޯއެވެ؟

އިސްރާއީލުގެ ލާއިންސާނީ އަނިޔާއަށް ގޮތް ހުސްވެފައިވާ ޣައްޒާގެ ޢާއިލާއެއް، ފޮޓޯ: ޓައިމްސް އޮފް ޣައްޒާ

އިސްރާއީލް ރައްޔިތުންގެ އަނިޔާވެރިކަން ކޮންމެ ދުވަހަކު މިހާރު ދަނީ ފެންނަމުންނެވެ. ޝަހީދުވެފައިވާ މީހުންގެ އަދަދަށް ބަލާލި ނަމަވެސް އެކަން ސާފުވާނެއެވެ. މިހާތަނަށް އައިއިރު، 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އެތައް ސަތޭކަ އިމާރާތެއް ވަނީ ބިމާ ހަމަކޮށްލައިފައެވެ. އެވަރުން ވެސް ފުދުނީކީ ނޫނެވެ. ޣައްޒާގެ ރައްޔިތުން ވަނީ އެންމެ އަސާސީ ހިދުމަތްތަކުން މަހްރޫމްކޮށްލައިފައެވެ. އިންސާނިއްޔަތުގެ ކުލުނެއް ވެސް ޔަހޫދީންގެ ނެތީއެވެ.

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކަށް ހުޅަނގުން ދަނީ ބީރު ކަންފަތެއްތީ ހިތްވަރުދެމުން

ޣައްޒާގައި މިއަދު ރައްކާތެރި އެއްވެސް ހިސާބެއް ނެތެވެ. އުތުރުގައި ތިބި މީހުން މެދުތެރެއަށާއި ދެކުނަށް ދާން ބުނި ކަމުގައި ވިޔަސް، އެ ތަންތަނަށް ވެސް ބޮން އަޅަނީއެވެ. އިސްރާއީލްގެ ޔަހޫދީން މިއަދު ބޮން ނާޅާ އެއްވެސް ދިމާލެއް ނެތެވެ. ހޮސްޕިޓަލެއް ހުރި ތަނެއް ވިއްޔާ، އެ ތަނުގެ ވަށައިގެން ބޮން އަޅައެވެ. ޣައްޒާގެ ރައްޔިތުން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލްތަކަށް ވެސް ދަނީ ބޮން އަޅަމުންނެވެ. މިހާތަނަށް އައިއިރު 50 އަށް ވުރެ ގިނަ މިސްކިތްތަކަށް ބޮން އަޅައި ބިމާ ހަމަކޮށްލައިފިއެވެ.

އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައި، ފޮޓޯ: ޓައިމްސް އޮފް ޣާޒާ

އެ ވަރުން ފުދުނީކީ ނޫނެވެ!

ޒަހަމްވެފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމަށް ބޭނުން ކުރާ އެމްބިއުލާންސްތަކަށް ވެސް ހަމަލާ ދިނެވެ. މިފަދަ ހާދިސާއެއް އެންމެ ފަހުން ހިނގާފައި ވަނީ އިއްޔެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައެވެ. އަލް-ޝިފާ ހޮސްޕިޓަލް ބޭރުގައި އޮތް އެމްބިއުލާންސްތަކުގައި މަސައްކަތް ކުރާ ޕެރަމެޑިކުން މަސައްކަތް ކުރަމުން ދިޔައީ ޝިފާ ހޮސްޕިޓަލްގައި ވަރަށް ބޮޑަށް ޒަހަމްވެފައި ތިބި މީހުންތަކެއް މިސްރަށް ގެންދިއުމަށެވެ. އެކަމަކު، ޝިފާ ހޮސްޕިޓަލާ ހަތަރު ކިލޯ މީޓަރު ކައިރިން ޣައްޒާގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، އިމާރާތްތައް ވެއްޓިފައިވުމުގެ ސަބަބުން އެމީހުން ޖެހުނީ އެނބުރި ޝިފާ ހޮސްޕިޓަލާ ހަމައަށް ދާށެވެ.

ޓެރަރިސްޓް އިސްރާއީލުން ޣާޒާގެ އިމާރާތްތަކަކަށް ބޮން އަޅާފައި

އެކަމަކު، އިސްރާއީލްގެ ޔަހޫދީ ސިފައިން އެމްބިއުލާންސް ވެސް "ޓާގެޓަކަށް" ހަދައި ވަރަށް ގިނަ ބަޔަކު ޝަހީދުކޮށްލިއެވެ. އެމްބިއުލާންސަށް ހަމަލާ ދިނުމަށް ފަހު، އިސްރާއީލުން ބުނެފައި ވަނީ އެމީހުން އެމްބިއުލާންސް އަށް ހަމަލާ ދިނީ ހަމާސްގެ މުޖާހިދުން އެ ވެހިކަލްތައް ބޭނުން ކުރަމުންދާތީ ކަމަށެވެ.

އިސްރާއީލުން ބޮން އަޅާ އެމްބިއުލާންސް ހަލާކުކޮށްލާފައި، މި ހާދިސާގައި އެތައް ފުރާނައެއް ގެއްލުނު، ފޮޓޯ: ގުދުސް ނެޓްވޯކު

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީސީއާރުއެސް) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިސްރަށް ދިއުމުގެ މަސައްކަތް ކުރި އެމްބިއުލާންސްތަކަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިން އިރު، ޝިފާ ހޮސްޕިޓަލަށް ޒަހަމްވި މީހުން ގޮވައިގެން އައި އެމްބިއުލާންސްއަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އެ ތަނުން އެއް އެމްބިއުލާންސް އަށް އަމާޒުކޮށް ދިން ހަމަލާގައި 15 އާންމުން ޝަހީދުވެފައިވާ ކަމަށް ޕީސީއާރުއެސް އިން ބުނެފައިވެއެވެ.

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުން ގާޒާގެ އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައި، ދިވެހިން ދަނީ ފަލަސްތީނާއެކު ތިބިކަން އަންގައިދެމުން

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލް ބޭރުގައި އަދި އެމްބިއުލާންސްތައް ކައިރީގައި ވަރަށް ގިނަ ބަޔަކު ޝަހީދުވެގެން ވެއްޓިފައި އޮތް ތަން ފެނެއެވެ. އަދި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، ޝިފާ ހޮސްޕިޓަލްގެ ބޭރުގައި ވަނީ ލޭގެ ދިގު ކޯރެއް ހެދިފައެވެ.

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން ޣާޒާއަށް ބޮން އަޅަނީ

އިސްރާއީލުން ބުނާ ގޮތުގައި އެމްބިއުލާންސްތައް ބޭނުންކޮށްގެން ހަމާސް އިން ދަނީ ހަތިޔާރު ސަޕްލައި ކުރަމުންނެވެ. އެކަމަކު، މިކަމާ ގުޅޭ އެއްވެސް ހެއްކެއް އިސްރާއީލަށް ދެއްކިފައެއް ނުވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓުން ޝަހީދުކޮށްލާފައިވާ ކުޑަކުދިންތަކެއް

ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން އދ. އިން ބުނެފައިވާ ގޮތުގައި ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް މިހާރަކު ނެތެވެ. އދ. ގެ އިމާރާތްތަކާއި ހިޔާވަހިކަން ހޯދާފައިވާ ތަންތަނުގައި ސަލާމަތްތެރިކަމާ އެކީގައި ތިބުމުގެ ޔަގީންކަމެއް ނެތް ކަމަށާއި އެ ތަންތަނަށް ވެސް ހަމަލާ ދެމުންދާ ކަމަށް އދ. އިން ބުނެފައިވެއެވެ. އިސްރާއީލުން އެންމެ ފަހުން ބޮން އަޅާފައި ވަނީ ވެސް އދ. ގެ ސްކޫލަކަށެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އަލް-ފަހޫރާ ސްކޫލަށް މިއަދު ދިން ބޮމުގެ ހަމަލާގައި 12 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި އަދަދުތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އދ. ގެ އިމާރާތްތަކުގައި ހިޔާވަހިކަން ހޯދައިގެން ތިބި މީހުންގެ އަދަދު ހަތް ލައްކަ އަށް އަރައެވެ. މި މީހުންނަށް އެއްވެސް ރައްކާތެރިކަމެއް މިހާރަކު ނެތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *