ކެލާ ދާއިރާގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތުކޮށް، ޒިންމާދާރު އިދިކޮޅު މަޖިލިސްމެމްބަރެއްގެ ގޮތުގައި ހުރުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީ 2024 ގައި ވާދަކުރަން ނިންމަވައިފިއެވެ.
އައު ދައުރަކަށް ގޮނޑި ކާމިޔާބު ކުރުމުގެ މަސައްކަތަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިބްރޭ ހާމަކުރެއްވީ މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ.
އިބްރޭގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ކެލާ, ފިއްލަދޫ އަދި ވަށަފަރުގެ ރައްޔިތުންނާއި ގުޅުންހުރި ވަރަށް ގިނަމަސްރޫޢުތަކެއް ދާއިރާގައި ފެށިފައި އެބަހުރި ކަމަށެވެ އަދި މި މަސްރޫޢުތައް ނިމި އޭގެފައިދާ އެ ތިންރަށުގެ ރައްޔިތުންނަށާއި އެ ރައްރަށުގައި އުޅޭމީހުނަށް އަދި އެރަށްރަށަށް އައިސް އުޅޭ މީހުނަށް ކުރުމަކީ ދާއިރާގެ ރައްޔިތުންނަށް މިވަގުތު އެންމެ މުހިންމު އެއްކަންތައް ކަމަށެވެ.
''މިކަންކަން، ނިންމުމަށާއި ޤައުމުގެ ލާބަޔާއި މަންފާއަށް، ޒިންމާދާރު އިދިކޮޅު މަޖިލިސްމެމްބަރެއްގެ ގޮތުގައި ހުރުމަށް 20 ވަނަރައްޔިތުންގެ މަޖިލިސްއަށް الله ވާގިފުލާއެކު ދާއިރާގެ އަޅުގަޑުގެ ސަޕޯޓަރުންނާއި، ޕަަޓީގެ ލޮބުވެތި މެންބަރުންނާއި، އަދިހެޔޮއެދޭ ދާއިރާގެ ރައްޔިތުންގެ ތާޢީދާއެކު ކެލާދާއިރާއަށް ކުރިމަތިލާން އަލުގަޑު ނިންމައިފީމެވެ.'' އިބްރޭ ވިދާޅުވެފަވެއެވެ.
ކެލާ އަށް ނިސްބަތްވެވަޑައިގަންނަވާ އިބްރޭ އައު ދައުރަކަށް ކެލާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް، ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމައި އެކަން ޢިއުލާންކޮށްފައިވާއިރު، އެ ދާއިރާގެ ވަށަފަރަށް ނިސްބަތްވާ އަހްމަދު ޣާލިބު ވެސް ވަނީ ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސްކަން ވެސް ކޮށްފައިވާ، ޣާލިބަކީ އިންތިޚާބީ ރައީސް، މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް އަދި ޖޭޕީގެ އެއް ނައިބު ލީޑަރު އިޤްބާލް އާދަމްގެ އާއިލީ މީހެކެވެ.
އެ ގޮނޑީގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާއިރު، ކެލާ އަށް ނިސްބަތްވާ ޕީއެންސީގެ ސެނެޓާ އާދަމް ފާޒިލް އާއި އެ ދާއިރާގެ ފިއްލަދޫ އަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު ޢަބުދުﷲ ޝަރީފް (ފިއްލަދޫ ޝަރީ) ވެސް އެ ގޮނޑީގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.
މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ (2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ) އިންތިޚާބު ބާއްވާފައި ވަނީ ބޭއްވިފައިވަނީ 2019 އޭޕްރިލް 6 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!