އިދިކޮޅު ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޕީޕީއެމްގެ ނަމުގައި ރެއިން ފެށިގެން މީހުންގެ ފޯނުތަކަށް ފޮނުވަމުން ދަނީ، ޕެކޭޖް ޑެލިވަރީގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ލިންކެއް ހިމެނޭ މެސެޖެކެވެ. ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި، ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް މެސެޖުގައި ބުނެފައިވެއެވެ.

Ad
rt

ޕީޕީއެމުން ބުނީ އެ ސްޕޭމް މެސެޖުތަކެއް ކަމަށާއި އޭގައި ހިމެނޭ ލިންކަށް ނުވަނުމަށް އެދޭ ކަމަށެވެ.

ޕީޕީއެމްގެ ނަމުގައި ފޮނުވަމުންދާ މެސެޖު

ޑީއެޗްއެލްގެ ޕެކޭޖަކަށް ފައިސާ ދެއްކުމަށް އެދި މިދިޔަ މަހުގެ ތެރޭގައި ޓީއެމްއޭގެ ނަމުގައި ވެސް މެސެޖްތަކެއް ދައުރުވިއެވެ. ފުލުހުން އޭރު ވަނީ، މެސެޖްގައިވާ ލިންކަށް ނުވަނުމަށާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ކޭޝް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އެދިފައެވެ.

ރާއްޖޭގައި މަކަރާއި ހިލާތަކުން މީހުންގެ އަތުން ފައިސާ އަތުލުމަކީ އާންމުވެފައިވާ ކުށެކެވެ. އާންމުކޮށް މިކަން މި ޒަމާނުގައި ކުރަމުން ގެންދަނީ ސްކޭމްތައް މެދުވެރިކޮށެވެ. ސްކޭމްތައް ހިންގާ މީހުން އެކި ކުންފުނިތަކާއި މުވައްސަސާތަކުގެ ނަމުގައި މީހުނަށް ގުޅައި މެސެޖްކޮށް ފައިސާ ހޯދައެއެވެ.