އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގެ ގޮތުން "ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" މި ނަމުގައި އެ ރަށުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހުއެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައި އެ ރަށު ބޮޑުމަގުގެ ރައްސިގަނޑު ސަރަހައްދުންނެވެ.

Ad
rt

މި ހިނގާލުމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ދިއްދޫ ކައުންސިލްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ސުޖާއު ބުނީ މި ހަރަކާތަކީ ދިއްދޫ ކައުންސިލާއި ދިއްދޫގެ ސަރުކާރު މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

ސުޖާއު އިތުރަށް ބުނީ މި ހަރަކާތުގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ޝުއޫރު ފާޅުކުރުމުގެ އިތުރުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފައިސާ ހޯދުމަށް ފަންޑްރައިޒިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ސުޖާއު އިތުރަށް ބުނީ މި ހިނގާލުމުގައި ދިއްދޫގެ ކުދިބޮޑު އެނެމެން ބައިވެރިވުމަކީ އިންތިޒާމްކުރާ ފާރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ފަލަސްތީނަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ވެސް ދިއްދޫގައި ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުން ފަލަސްތީނަށް އެހީވުމަށް ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ.