އިސްތިއުމާރީ ޒަޔަނިސްޓް އިސްރާއީލުން ހައްދުފަހަނާ އަޅާފައިވާ އަނިޔާއާއި ކުރިމަތިވެފައިވާ ފަލަސްތީނަށް ނ. ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުން 124،400 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
އޮކްޓޫބަރު 7 ގައި ފަލަސްތީނުގެ ހަމާސްގެ މުޖާހިދުން ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ދިން ކުއްލި ހަމަލާތަކަށްފަހު އަނިޔާވެރި އިސްރާއީލުން އަންނަނީ ފަލަސްތީނުގެ އިމާރާތްތައް ފުނޑުފުޑުކޮށް ކުށެއްނެތް މައުސޫމް އެތައް ކުޑަކުދިންނާއި އެކި އުމުރުގެ މީހުން ޝަހީދުކޮށް ލާއިންސާނީ އަނިޔާވެރިކަން ހިންގަމުންނެވެ.
ފަލަސްތީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތާލުމަށް އިސްރާއީލާއި އެ ބައިމީހުންނަށް ވާގިވެރިވާ އިންސާނިއްޔަތުގެ ޗެމްޕިއަނުންކަމަށް ބުނާ ހުޅަނގުގެ ބޮޑެތި ބާރުތަކުން ހީލަތްތެރި ހަނގުރާމައެއް ފަށާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން ވަނީ އަސާސީ އެތައް ޚިދުމަތަކުން ވެސް މަހުރޫމުކޮށްފައެވެ.
ފަލަސްތީނުގެ އަޚުންނާއި އުޚުތުން އުފުލަމުންދާ ވޭނާއި ދަތިހާލަށް އެހީތެރިވުމަށް މުޅި ދިވެހިރާއްޖޭގައި ފަންޑްރައިޒިން ހަރަކާތްތައް ހިންގަމުން އަންނައިރު، ނ. އަތޮޅު ކެނދިކުޅުދޫގައި މިކަމަށް ކުރިއަށް ގެންދިޔަ ސިލްސިލާ ހަރަކާތްތަކުން 124،400 ރުފިޔާ އެއްކުރެވި، ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީވުމަށް އެ ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ ލާއިންސާނީ އުދުވާނަށް ދެ ހަފުތާ އެއްހާ ދުވަސް މިހާރު ހޭދަވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 4300 ރައްޔިތުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައި ކަމަށް ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ. މީގެތެރޭގައި 1700 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، ޝަހީދުވި މީހުންގެ ތެރޭގައި 976 އަންހެނުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޒަޚަމްވި ފަލަސްތީނުގެ މީހުންގެ އަދަދު މިހާރު 13500 ފަހަނައަޅާގޮސްފައިވާއިރު، ދިރިނުއުޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 2000 އަށްވުރެ ވަނީ މަތިވެފައެވެ. އަދި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކާ ގާތްކޮށްފައެވެ.
ކަން މިހެން ހުރިއިރު، ޣައްޒާ – އިސްރާއީލު ވަކިކުރާ ބޯޑަރު ކައިރިއަށް އިސްރާއީލުން ތިންލައްކަ ސިފައިންނާއި، ޓޭންކާއި، މިސައިލާއި، އެނޫން ވެސް ބަރު ހަތިޔާރު މިހާރު ވެސް ވަނީ ޖަމާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!