ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެވެ.

ރައީސް މިގޮތައް ގޮވައިލެއްވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަޚުންނާއި އުޚުތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވެ އަދި ޒަޚަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެކެވެ.

ޒަޔަނިސްޓު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑަމުން ދިޔުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ޚަންޖަރެއް ކަމަށް ރައީސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އަޅުގަނޑުމެން ކުށްވެރިކުރަނީ އެންމެ ހަރުކަށި ޢިބާރާތުންނެވެ.

‘’ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލަމެވެ.’’ ރައީސްގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.

ރައީސް ޞާލިޙްގެ ޚިޠާބުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ޙާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެކަމަށްޓަކައި ހިނގަން އޮތް މަގަކީ، މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާ ކުރުން ކަމަށާއި، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވުން ކަމަށާއި، އިސްލާމް ދީނުގެ ޞުލްޙައާއި ހަމަޖެހުން ދުނިޔެއަށް ސާބިތުކޮށްދިނުމަށް، ހުރިހާ މައިދާންތަކެއްގައި މަސައްކަތް ކުރުން ކަމަށް ކަމަށް ރައީސްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.