ރިޔާސީ ދައުރާއެކު ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ބަދަލުކުރަންޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ސީޕީ، މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ސީޕީގެ މަގާމުގައި މިހާރުހުންނެވި މުހައްމަދު ހަމީދު، އެ މަގާމުން ރިޓެޔާ ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ.

Ad
rt

ރިޔާޟު ވިދާޅުވީ ކޮންމެ ރައީސަކާއެކު ކޮމިޝަނާ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި ފުލުހުންގެ ހިދުމަތުން ތައުލީމީ، ގާބިލް އަދި ތަޖުރިބާލިބިފަހުރި ހިދުމަތްތެރިން ރިޓަޔާ ކުރަންޖެހޭ އުމުރު ހަމަނުވަނީސް ގައުމީ ހިދުމަތުން ރިޓެޔާ ކުރަންޖެހުމަކީ ފުލުހުންގެ ހިދުމަތަށާއި ގައުމަށް އެންމެ ރަނގަޅު ގޮތެއްނޫން ކަމަށެވެ.

މިހާރުގެ ސީޕީ ހަމީދު، މިއަހަރުގެ ނޮވެމްބަރު 17ގައި އައު ސަރުކާރު ހުވާ ކުރުމުގެ ކުރިން ނޮވެމްބަރު 11 ގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން މިހާރުވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކޮންމެ ރިޔާސީ ދައުރަކަށްފަހު ވެރިކަން ބަދަލުވާއިރު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ބަދަލުވަމުން އަންނައިރު، މިހާރުގެ ކޮމިޝަނާ މުހައްމަދު ހަމީދު އެ މަގާމަށް އައްޔަންކުރެއްވީ މިހާރުގެ ސަރުކާރުން 2018 ގައި އައުމަށްފަހުއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.