ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ރާއްޖޭގެ ވެރިކަން ހަވާލުކުރީ ޑރ. މުޙައްމަދު މުޢިއްޒު އާއި ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމުގެ މަސައްކަތްތައް ކުރެވޭނީ އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައިކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރަން ބޭނުންފުޅުވާ މީހުންގެ ލިސްޓެއް ފޮނުއްވި ކަމަށް ވާހަކަތައް އަޑުއިވޭކަމަށް އަދުރޭއާ ސުވާލުކޮށްފައެވެ.
މި ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ، ކެބިނެޓު އެކުލަވާލުމުގެ މަސައްކަތް ކުރައްވާނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އޭނާ ވިޔަސް އިތުރު އެހެން ބޭފުޅެއް ވިޔަސް ކެބްނެޓް އެކުލަވާލަންވީގޮތުގެ ލިސްޓެއް އިންތިޚާބީ ރައީސަށް ފޮނުވަން ނުޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެފަދަ ލިސްޓަކާބެހޭ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ، ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަން ހަވާލުކޮށްފައި ވަނީ ޕީއެންސީން ނެރުނު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއި ކަމަށެވެ.
''އެެހެންވީމަ އެމަނިކުފާނު ރައްޔިތުން ކުރިމައްޗަށް ވަޑައިގަތީ، އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގަތީ، އެހެންވީމަ އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމަށް އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި އެމަނިކުފާނަށް މަސައްކަތް ކުރެވޭނީ،" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވަނީ އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވާއިރު މަޝްވަރާ ކުރައްވަން ޖެހޭ ފަރާތްތަކާއި އެކަމުގެ މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!