އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅެއް ނުލިބި އޮތް އޮތުމަށް އާސެނަލުން ނިމުން ގެނެސްފިއެވެ.
މިރޭ އަމިއްލަ ދަނޑުގައި އާސެނަލުން ސިޓީގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދިއިރު، މިއީ 2015 ވަނަ އަހަރު ފަހުން ލީގުގައި ސިޓީ މައްޗަށް އާސެނަލަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.
މި މެޗުގައި އާސެނަލުން ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. އޭރިއާ ރޮނގު ކައިރީ ހިރެ މާޓިނެލީ ފޮނުވާލި ހަމަލާ ސިޓީގެ ގޯލަށް ވަނީ ޑިފެންޑަރ އާކޭ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.
މެޗުގައި ސިޓީއަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުޞަތު ލިބިފައި ވަނީ ޑިފެންޑަރ ގްވާޑިއޯލްއަށާއި ޑިފެންޑަރ އާކޭއަށެވެ. ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުންވަނީ ނުކުރެވިއެވެ.
މި މެޗުން މޮޅުވުމާއިއެކު އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއިއެކު އާސެނަލް ދެވަނާގައި އެއްވަނާގައި އޮތް ޓޮޓެންހަމަށް ވެސް ލިބިފައި ވަނީ 20 ޕޮއިންޓެވެ. ސިޓީ މިވަގުތު އޮތީ އަށް މެޗުން ލިބުނު 18 ޕޮއިންޓާއިއެކު ތިންވަނާގައެވެ.
މިއީ ލީގުގައި ސިޓީ ބަލިވި ދެވަނަ މެޗެވެ. މި ސީޒަންގައި ލީގުގައި ސިޓީ ފުރަތަމަ ބަލިވެފައި ވަނީ ވުލްވްސް އަތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!