އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބްރައިޓަން އިންނެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިމޮން އެންޑިންގްރާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

Ad
rt

މެޗުގެ 40 ވަނަ މިނެޓުގައި ސަލާހް ވަނީ ލިވަޕޫލަށް ލަނޑުޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބްރައިޓަންގެ ކެޕްޓަން ޑަންކަށް ހެދުނު ގޯހަކުން ލިވަޕޫލްގެ ފޯވާޑް ނުނޭޒް ވަނީ އެ ބޯޅަ ސަލާހްއަށް އޭރިއާ ތެރެއިން ހުސް ކޮށްލާފައި ލަނޑުޖަހަން ފުރުޞަތު ފަހިކޮށްދީފައެވެ. ސަލާހް އެ ބޯޅަ ވަނީ ފަސޭހަކަމާއިއެކު ގޯލުގެ ދުރުކަނަށް ވައްދާލާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތު ލިވަޕޫލަށް ލިބުނު ޕެނަލްޓީން ސަލާހް ކާމިޔާބު ކޮށްދިން ލަނޑުން ވަނީ ފުރަތަމަ ފަހަރަށް ލިވަޕޫލަށް މެޗުގައި ލީޑު ލިބިފައެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބިފައިވަނީ ބްރައިޓަންގެ ފަހަތުން ހެދުނު ގޯހަކުން ލިވަޕޫލްގެ ޒްބޮސްލާއީއަށް ލިބުނު ބޯޅަ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭ ބްރައިޓަންގެ ގްރޮސް އަތުން ވީ ފައުލާއި ގުޅިގެންނެވެ. މިއީ ސަލާހް ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކާމިޔާބު ކޮށްދިން 144 ވަނަ ލަނޑެވެ.

މެޗުގެ ނަތީޖާ ބްރައިޓަން އިން ހަމަހަމަ ކުރީ 78 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން ބްރައިޓަންގެ ސޮލީ މާޗް ކުޅުނު ބޯޅަ ޑަންކް ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މި ނަތީޖާއާއިއެކު ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. ލިވަޕޫލަށް 8 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. ކުޅުނު 8 މެޗުން ލިބުނު 16 ޕޮއިންޓާއިއެކު ބްރައިޓަން އޮތީ ހަވަނާގައެވެ.