ރ.އަތޮޅުގައި ތަރައްގީކޮށްފައިވާ ފައިވް ސްޓާ ރިސޯޓް ބްރެނިއާ ކޮއްޓެފަރު އަންނަ މަހު ޓޫރިސްޓުންނަށް އާންމުކޮށް ހުޅުވާލަން ނިންމައިފިއެވެ.

މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ތަރައްގީ ކޮށްފައިވާ ރ. އަތޮޅުގައި އަނެއްކާ ވެސް ފައިވް ސްޓާ ރިސޯޓެއް އަންނަމަހު ހުޅުވަން ނިންމާފައިވާއިރު ރިސޯޓު ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރުގެ މާޗުގަ އެވެ.

Ad
mooomoo 1

އާއިލީ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރި މި ރިސޯޓުގައި 190 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި އޯވާ ވޯޓާ ވިލާތަކާއި ގާޑެން ވިލާތައް ހިމެނެ އެވެ. މި ހުރިހާ ވިލާއެއް ވެސް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭނެ ހެން ޒަމާނީ ޑިޒައިންތަކަށެވެ.

މި ރިސޯޓުގައި ތަފާތު އެކި ކުޒީންތަކަށް ހާއްސަ ތިން ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. އެއީ އިންޓަނޭޝަނަލް ކުޒީންތަކަށް ހާއްސަ "ލައިމް" އާއި އޭޝިއާގެ ކުޒީންތަކަށް ހާއްސަ "މަންޓާ" އާއި ބާބަކިއު އަށް ހާއްސަ "ސަންސެޓް ގްރިލް" ރެސްޓޯރެންޓެވެ.

މީގެ އިތުރުން އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް މޫދު ކުޅިވަރާއި ސްނޯކްލިން އަދި ޑައިވިން ފަދަ ހަރަކާތްތަކުގެ ތަޖުރިބާ ކުރުމަށް ޕަޑީގެ ސެޓްފިކެޓް ލިބިފައިވާ ޑައިވް ސެންޓަރަކާއި ވޯޓާ ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ "ކިޑްސް ކްލަބް" އަކާއި ޓެނިސް ކޯޓެއްގެ އިތުރުން ކަސްރަތު ކުރާ މީހުންނަށް ޖިމެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.

Ad
df

ކޮއްޓެފަރަކީ ރ. އަތޮޅުގައި ހުޅުވާ 13 ވަނަ ރިސޯޓެވެ. މިހާރު ވެސް އެ އަތޮޅުގައި ދުނިޔޭގެ މަޝްހޫރު ފައިވް ސްޓާ އަދި ސެވަން ސްޓާ ރިސޯޓުތައް ހިންގަ އެވެ. މީގެ ތެރޭގައި "ޔޫ އެންޑް މީ ބައި ކޮކޫން" އާއި "އަދާރަން ސެލެކްޓް މީދުއްޕަރު" އާއި "ކަޕޭޑިއަމް" އަދި "އެމަރަލްޑް މޯލްޑިވްސް" އާއި "އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް" ފަދަ ރިސޯޓުތައް ހިމެނެ އެވެ.