ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދާ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ފަށައިފިއެވެ.
ޖުމްލަ ދިހަދުވަހުގެ މުއްތަށް ކުރިއަށް ގެންދާ މި ކޯސް ފަށާފައި ވަނީ އިއްޔެއެވެ. މި ކޯސް ކުރިއަށް ދަނީ ޖުމްލަ ދިހަ ބައިވެރިންނާއި އެކުގައެވެ.
މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ބުނީ މި ކޯހުގައި ކިޔަވައިދެއްވަނީ "ފަނާރު ކޭކް" ގެ ނަމުގައި ކޭކް އެޅުމުގެ ވިޔަފާރި އެ ރަށުގައި ކުރިއަށް ގެންދާ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.
ނަޒުމީނާ އިތުރަށް ބުނީ މި ކޯސް ކުރިއަށް ގެންދަން ޓާގެޓް ކުރީ ފަނަރަ ބައިވެރިންނާއި އެކުގައި ކަމަށާއި ނަމަވެސް އެ އަދަދަށް ބައިވެރިން ލިބިފައިނުވާ ކަމަށާއި، ގިނަބަޔަކު އެދެމުންދާތީ މި ކޯސް ނިންމާލުމަށް ފަހު ރަށުގައި ފަހާ ކޯހެއް ހިންގުމަށް ވިސްނަމުން އަންނަ ކަމަށެވެ.
ނޮޅިވަރަންފަރު ޑަބްލިއުޑީސީން އިސްނަގައިގެން އެ ރަށުގައި ތަފާތު ކޯސްތައް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!