ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގުޅިގެން 'ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް' ނަމުގައި ކުރިޔަށް ގެންދިޔަ ނާރސިންގ ކޮންފަރެންސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

58 ބައިވެރިންނާއިއެކު ކުރިޔަށް ގެންދެވުނު މި ކޮންފަރެންސް ކުރިޔަށް ގެންގޮސްފައިވަނީ 28 ސެޕްޓެމްބަރު 2023 ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށި ސިޓީ ކެމްޕަސް ހޯލްގައެވެ. މިއީ ރާއްޖެތެރޭގައި ބޭއްވުނު ނަރުހުންގެ ފުރަތަމަ ކޮންފަރެންސެވެ.

Ad
rt

'ޓްރެންޑްސް އިން ނަރސިންގ ޕްރޮފެޝަން: ޗެލެންޖަސް، އިނޮވޭޝަން އެންޑް އެޑިއުކޭޝަން' ތީމެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މަޤްސަދަކީ ނަރސިންގ ޕްރޮފެޝަނަށް އަދި ދުނިޔޭގައި މި ހިދުމަތަށް އަންނަ ބަދަލުތަކަށް މި ސަރަހައްދުގެ ނަރުހުންގެ ހޭލުންތެރިކޮށް، މި ފަދަ ޕްލެޓްފޯރމެއްގެ ތެރެއިން ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަޝްވަރާކުރުމެވެ. އަދި މީގެ އިތުރުން ނަރުހުންގެ ހިދުމަތާއި ގުޅުންހުރި ދިރާސީ ކަރުދާސްތައް ހުށައެޅުމާއި ހުޅުވާލެވިފައިވާ މަޝްވަރާގެ މާހައުލެއް ހުޅުވާލަދިނުން ހިމެނެއެވެ.

މި ކޮންފަރެންސްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ތަޖުރިބާކާރު އެތައް ފަރާތެއް ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ނެދަލެންޑްސްގެ އެމްސްޓަރޑަމް ޔުނިވަރސިޓީގެ ސާރޖަރީ ޑިޕާރޓްމަންޓްގެ ޕްރޮފެސަރ ޑަރކް އުބިންކް ވަނީ 'ހައުޓު ޕްރެކްޓިސް އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޓްމޯރޯ' ގެ ނަމުގައި ސެޝަން އެއް ނަންގަވައިދެއްވާފައެވެ. މީގެ އިތުރުން ވިލާ ކޮލެޖްގެ ނަރސިންގ ފެކަލްޓީގެ ޑީން، ޑރ. އަސްމާ އިބްރާހިމް 'ނަރސިންގ އޭސް އަ ޕްރޮފެޝަން (ޓްރެންޑްސް)' ގެ ނަމުގައި ސެޝަން އެއް ކުރިޔަށްގެންދެވިއެވެ. ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްގެ (ސީ.އެން.ވީ) ފަރާތުންވެސް ވަނީ ސެޝަންތައް ކުރިޔަށް ގެންގޮސްފައެވެ.

މިގޮތުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްގެ (ސީ.އެން.ވީ) ގެ ރައީސާ އަލްފާޟިލާ ނަޒީރާ ނަޖީބު އަދި މީޑިޔާ ކޯރޑިނޭޓަރ މަރިޔަމް ނިޔާން ވަނީ ސެޝަން ނަންގަވައިދެއްވާފައެވެ. އިފެކްޓިވް ކޮމިއުނިކޭޝަން ގެ ނަމުގައި އުރީދޫގެ ސީނިޔަރ މެނޭޖަރ ޑިސްޓްރިބިއުޝަން، އަލްފާޟިލް އަބްދުލް މުޙައިމިން އިބްރާހިމް ސެޝަނެއް ނަންގަވައިދެއްވިއެވެ. މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު އަދި ސަރަހައްދަށް ނިސްބަތްވާ ނަރުހުންވަނީ ސެޝަންތައް ކުރިޔަށް ގެންގޮސް ކަރުދާސް ހުށައަޅާފައެވެ.

ބޮޑުތިލަދުންމަތީ ނަރސިންގ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އަޙުމަދު ދާއޫދު (ޑޭވިޑް) އެވެ. ޝަރަފުވެރި މެހެމާނުގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިން އަދި ހޮސްޕިޓަލުގެ ސީނިޔަރ މެނޭޖްމަންޓް ޓީމުންވަނީ ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައެވެ. މި ރަސްމިއްޔާތުގައި ޝުކުރުދެންނެވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ނަރސިންގ ޑިރެކްޓަރ، އަލްފާޟިލާ ޝީރީނާ އަހުމަދު އެވެ. އަދި މި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނުވެސް ވަނީ ބައިވެރިންނާއި މުހާތަބުކުރައްވާފައެވެ. ޑޭވިޑް ގެ ވާހަކަފުޅުގައި ހޮސްޕިޓަލުގައި ހޭދަވި 3 އަހަރާއި 11 މަސްދުވަހުގެ ދަތުރަށް އަލި އަޅުވާލައިފާވާއިރު، އަތޮޅު ތެރޭގެ ސިއްހީ ހިދުމަތަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރެއްވިއެވެ.

ފޮޓޯ: ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް

ފޮޓޯ: ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް

މިގޮތުން ތަނުގެ އިމާރާތަށް، މުވައްޒަފުންގެ އަދަދަށް އަދި ހިދުމަތަށް ގެނެވުނު ބޮޑެތި ކުރިއެރުންތައް ފާހަގަކުރެއްވިއިރު، ސަރުކާރުގެ ލާމަރުކަޒީ ސިއްހީ ސިޔާސަތު ފައްކާކުރުމުގައި އެންމެ މުހިންމު އަދި ބުރަ މަސައްކަތެއް ކުރެއްވީ ހޮސްޕިޓަލުގެ މުވައްޒަފުން ކަމުގައި ދެންނެވިއެވެ. އަދި ވޭތުވެ ދިޔަ ކައިރި މުސްތަޤުބަލުގައި މުވައްޒަފުން ބާރުވެރި ކުރެވި، ސެލްފް ފަންކްޝަނިން ޓީމެއް އުފެއްދިފައިވުމަކީ ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއްކަމުގައި ދެންނެވިއެވެ. މީގެ އިތުރުން އަބަދުވެސް ފާހަގަކުރައްވާ ފަދައިން، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޯގާތެރިކަން އިސްކޮށް، ކަސްޓަމަރ ސެންޓްރިކް ހޮލިސްޓިކް ފަރުވާއެއް ދިނުމަށް އިލްތިމާސްކުރެއްވިއެވެ.