އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ.

ރޭ އެންފީލްޑްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޔޫނުސް އަކުން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކަސެ މެކްއަތީރްއެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން އެ ޓީމްގެ ހާވޭ އެލިއޮޓްއާއި ބެން ޑޯކް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

Ad
rt

ލިވަޕޫލުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ ތިންވަނަ މިނެޓުގައި ގްރަވެންބާޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކޯޑީ ގަކްޕޯއެވެ.

މެޗުގައި ލިވަޕޫލަށް ލީޑު ލިބުނީ 70 ވަނަ މިނެޓުގައި ޒޮބޮސްލާއީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެއަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއްމިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލަށް ތިންވަނަ ލަނޑު ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ.