ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖެހިވަޑައިގަތުމުން ދެން ރާއްޖެ އަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނެ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައި ކުރީގެ ހެލްތް މިނިސްޓަރު އަދި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ގާސިމްގެ ރަނިންމޭޓް އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އާއި ގާސިމްގެ އެޑްވައިޒަރ ޔަޝްފާ އަބުދުލްޣަނީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދާއި ކައުންސިލް ބައެއް މެމްބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އާއި ޒުބެއިރު މުހައްމަދާއި، އަހުމަދު ޝަފީޤް (މ.ސައްޕޭ)އާއި، އަހްމަދު ފަޒީލާއި، އަލީ ނަޖީބާއި، އަހުމަދު އުމަރާއި، މުހައްމަދު ފަޔާޒާއި، މުހައްމަދު ސައީދާއި، މުހައްމަދު އަދުހަމާއި، ހުސެން ޝަފީއު އާއި ޝަމްލީގެ އިތުރުން ޖޭޕީގެ ޔޫތު ލީގުގެ ނައިބު ރައީސް ޝުއައިބު ޝިފާޒް ޝަރީފެވެ.
މި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސޯސަން މަގުގައި އާއި ސޯސަން ޖަގަހައިގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ޖަލްސާގައި އަމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވާދަކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެގޮތުން ހާސްކަމެއް ނެތް ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް އެކިއެކި ސިޔާސަތުތައް ހުށަހެޅި ކަމަށެވެ. އަދި ގާސިމްގެ ވައުދުތައް ވިއްކުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ އެދެވޭ ނަތީޖާއެއް ނުލިބުމުން ދެން ބަލަން ޖެހުނީ ގާސިމްގެ ތަސައްވަރު ހަގީގަތަކަށް ހެދޭނެ ގޮތެއް ހޯދަން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމަކީ ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގެ މޭސްތިރިޔާއެވެ. ސިޔާސީ ހަރަކާތްތައް އުފަންވެގެން އައީ ގާސިމްގެ ހިތްވަރާއި އިސް ނެންގެވުމުގެ ސަބަބުންނެވެ.
"ފާއިތުވި 10 ވަރަކަށް އަދި 15 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކާ އެކީގައި ރާއްޖެއަށް ގެންނަން ޖެހޭ ސިޔާސީ ބަދަލުތައް އަޅުގަނޑުމެން ލޯމަތިން ތަމްސީލުވަމުން މިއަދު މިދަނީ. ކުރިމަތިވި ގޮންޖެހުންތަކާއި ދިވެހީންނަަށް ކުރިމަތިވި ހުރަސްތަކާއި ފަސޭހަ ތަކާއި މި ހުރިހާ ކަމަކީވެސް ރާއްޖެއަށް ސިޔާސީ ބަދަލުތަކާ އެކީގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވީ އެމަނިކުފާނަކީ އެއްބައިވަންތަ އަދި ދެ ފިކުރު އެއްކުރައްވަން ދަންނަ ބޭފުޅަކަށް ވާތީ ކަމަށެވެ.
"އެމަނިކުފާނުގެ[ރައީސް ސޯލިހުގެ] މަސައްކަތުގަ އިސްކުރެއްވި ސިޔާސަތުތަކުގެ ތެރޭގަ އަޅުގަނޑަށް ފާހަގަކުރެވޭ، އެމަނިކުފާނަކީ އެއްބައިވަންތަ ކުރައްވާ ބޭފުޅެއް. ދެ ފިކުރު އެއް ކުރައްވާ ބޭފުޅެއް. ހިޔާލު ތަފާތުވާ ބޭފުޅުންނާއެކީ މަސައްކަތް ކުރެވޭނެ ބޭފުޅެއް. ޒާތީ ގޮތުން އެމަނިކުފާނާ ދޭތެރޭގަ ކިތަންމެ ނުރަނގަޅު ވާހަކަތަކެއް ދެއްކި ކަމުގަ ވިޔަސް ސިޔާސީ ގޮތުން އެމީހުން ބައިވެރިކުރުމުގެ ހިތްވަރު ހުންނެވި ބޭފުޅެއް،" އަމީން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!