''ރިޝްވަތު ޙަރާމް، ރިޝްވަތު ދޭ މީހާ އާއި ހިފާ މީހާއަށް މާތްﷲ ލަޢުނަތްލެއްވި''

Rishvathu

ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލަޢުނަތްލައްވާފައިކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޚުތުބާގެ މަޢުލޫއަކީ ''ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމުގެ ނުބައިކަން'' މިއެވެ.

މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފައިވާގޮތުގައި، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން އެންމެ ފިލުވާލަން އުނދަގޫ އެއް ވަބާ އަކީ ރިޝްވަތުގެ ވަބާއެވެ. ބައެއް މުޖުތަމައުތަކުގައި ރިޝްވަަަތުގެ ވަބާ ވަރަށް ބޮޑަށް ޢާންމުވެފައިވާއިރު، ބައެއް މުޖުތަމައުތަކުގައި ރިޝްވަތާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަމަށް ޚުތުބާގައި ބުނެފަވެއެވެ. މިފަދަ މުޖުތަމައުތަކުގައި ޢަދުލު އިންސާފު ހޯދައިދޭން ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތުގެ ޢަމަލު އިތުރުވެފައިވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފަވެއެވެ.

މިފަދަ ކަންކަމަކީ ޤައުމާއި މުޖުތަމައު ފަސާދައިގެ ތެރެއަށް ގެނބިގެންދާ ކަންކަން ކަމަށާއި، ރިޝްވަތުގެ ވަބާގެ ސަބަބުން ޤައުމުގެ ތައްޤީގެ ދުވެލި ލަސްވާކަމަށް ޚުޠުބާގައި ފާހަގަކޮށްފަވެއެވެ.

''އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމަޢު ވެސް ވަނީ މި ނުރައްކާތެރި ވަބާގައި ޖެހިފައި، ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ ޢަމަލުތައް މުޖުތަމައުގެ ތެރޭގައި ގިނަވެ އެކަންކަމަކީ ވަރަށް އާދައިގެ ކަންކަން ކަމަށް މީހުން ވަނީ ދެކެންފަށާފައި'' ޚުތުބާގައި ބުނެފަވެއެވެ.

ކިޔާލަން:

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި ކެއުމުގެ ނުބައިކަން

ޚުތުބާގައި ރިޝްވަތަކީ ކޮބައިކަން ބުނެދެމުން ބުނެފައި ވަނީ، ރިޝްވަތަކީ ތިމާއަށް ޙައްޤު ނޫން ކަމެއް ނުވަތަ ޙައްޤު ނޫން އެއްޗެއް ނުވަތަ ޙައްޤު ނޫން މަންފާއެއް ލިބިގަތުމަށް، ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދިނުން ކަމަށެވެ.

''ހަމަކަށަވަރުން ރިޝްވަތުދޭ މީހާއާއި ރިޝްވަތު އުފުލާ މީހާ، އެބަހީ ރިޝްބަތު ދިނުމުގައި މެދުވެރިވާ މީހާއާއި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލައުނަތް ލައްވާފައެވެ.'' ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

މާތް ރަސޫލާ ވެސް ވަނީ ''ރިޝްވަތު ދޭ މީހާއަށާއި، ރިޝްވަތުގައި ހިފާ މީހާއަށް މާތްﷲ ލަޢުނަތް ލެއްވި ކަމަށް'' ހަދީޘް ކުރައްވާފައިކަމަށް ޚުތުބާގައި ފާހަގަކޮށްފަވެއެވެ.

ރިޝްވަތު ޙަރާމް ކަމަށާއި، ރިޝްވަތު ޙަރާމް ކުރައްވާފައިި ވަނީ އެއަކީ މުޖުތަމައު ފަސާދަކުރުމަށް މެދުވެރިވާ ވަސީލަތަކަށް ވާތީކަމަށާއި، އަދި އެެއީ ޙައްޤާ ދެކޮޅަށް ހަނގުރާމަކަކުރުމަށ ''ހަތިޔާރަކަށް'' ވާތީ ކަމަށާއި، އޭގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމާއި، އަމާންކަން ގެއްލި، ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝިކާރައަކަށް މުޖުތަމައު ވެގެންދާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

''ރިޝްވަތަކީ ޙަރާމް އެއްޗަކަށް ވީހިނދު އެފަދަ އެއްޗެއްގައި އަހަރެމެން މުސްލިމުން ހިފައިގެން ނުވާނެ، އެފަދަ އެއްޗެއް އަހަރެމެންގެ އަނބިދަރިންނާއި ގާތް ތިމާގެ މީހުންނަށް ކާންދީގެން ވެސް ނުވާނެ، އެހެނީ ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ ޙަރާމް އެއްޗެއް ކައިގެން ގައިގާ ޖަހާ މަސްގަނޑު ނަރަކައަށް މާ ޙައްޤުކަންބޮޑެވެ'' ޚިތުބާގައި ބުނެފަވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *