ކޮންމެ އަތޮޅެއްގައި މައި އެއް ސްކޫލްގައި މާލޭއާ އެއް ފެންވަރަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އިއްޔެ ބ. ކެންދޫގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ޢާއިލާތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްސަ ވަޒީފާތަކެއް ހަމަޖައްސައި ދެއްވި ކަމަށެވެ. ނަމަވެސް އެކަން މިހާރު ނުހިނގާކަމަށް ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ، ޕީއެންސީ/ޕީޕީއެމްގެ ސަރުކާރެއްގައި އެ ސިޔާސަތު އަލުން ފައްޓަވާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ދިނުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ފުރުޞަތުތައް ހޯދައިދީ އޯލް އިންކްލޫސިވް ސޮސައިޓީ އަކަށް ހަދައިދެއްވާނެ ކަމަށެވެ.
މުޢިއްޒު ފާހަގަކުރެއްވިގޮތުގައި އެފަދަ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކުގައި އެކަށީގެންވާ ޚިމަތްތައް ނުދެވޭ ވަސީލަތްތައް މަދެވެ. އެހެންކަމުން އެފަދަ ކުދިންނަސް ޚާއްސަ އިސްކަމެއްދީގެން ޓީޗަރުން ތަމްރީންކުރުމާއި ވަސީލަތްތައް ހޯދުމާއި ސްކޫލްތަކަށް ޖާގަ އިތުރުކުރުމަށް މީގެ ކުރިން ސަރުކާރުގެ ބަޖެޓުން ނުދޭ ވަރުގެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
''މާލޭގެ އިތުރުން ކޮންމެ އަތޮޅެއްގައި މައި އެއް ސްކޫލްގައި ވެސް މާލެ އާއި އެއް ފެންވަރެއްގައި އެކުދިންނަށް ކިޔަވައިދެވޭނެ ފެންވަރު ރަނގަޅު ސްކޫލްތައް ހަދާނަން.'' މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ، ނަފްސާނީ މައްސަލަ ހުންނަ ފަރާތްތަކަށް އިންޓަރނޭޝަނަލް ހޮސްޕިޓަލެއް ލ.ގަމުގައި ތަރައްޤީ ކުރެއްވުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޚާއްސަ ގާނޫނެއް މަޖިލިސް ތެރެއިން އެކުލަވާލައްވާނެ ކަމަށާއި، އެ ޤާނޫނާއެކު ސަރުކާރުގެ ނިޒާމުގެ ތެރެއިން އެކަމަށް އިސްކަން ދިނުން މަޖުބޫރުވާނެ ކަމަށް ވިދާޅުވެފައެވެ.
ޑައެލެސިސް ހަދާ ފަރާތްތަކަށް މާލޭގައި ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރާނެ ވާހަކަ ކުރިން ދަންނަވާފައިވާކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ، މީގެއިތުރުން ކޮންމެ އަތޮޅެއްގައި މައި އެއް ހޮސްޕިޓަލެއްގައި މާލޭއާއި އެއް ފެންވަރެއްގައި އެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
ހެލްތް ސެކްޓަރ ބަޖެޓުގައި ޕްރިވެންޓިވް ހެލްތް ކެއަރ އަށް ބޮޑު އިސްކަމެއް ދެވާނެ ކަމަށާއި، އެކަމުން ބަލިތައް މަދުވެ، ޢާއްމު ޞިއްޙަތު ހަރުދަނާކުރެވޭނޭ ކަމަށް މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރަށްރަށުގެ ލޯކަލް ލެވެލް ގައި ޕްރިވެންޓިވް ހެލްތް ކެއަރ އަށް ޚާއްސަ މީހުން ތަމްރީނުކޮށް، ނެޝަނަލް ހެލްތް ލެބޯޓްރީ ގާއިމު ކުރައްވާނެ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މުޢިއްޒު ވިދާޅުވިގޮތުގައި، ޕީއެންސީގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ ހެލްތް ސެންޓަރެއްގައި އެރަށަކާއި އެކަށީގެންވާ ފެންވަރުގެ ލެބޯޓްރީތައް ހުންނާނެއެވެ. އަދި ޕްރިވެންޓިވް ހެލްތް ކެއަރ ގެ ދަށުން މާލޭގައި ހުރި ދަމަނަވެށި އިތުރަށް ވަރުގަދަކޮށް ކޮންމެ އަތޮޅެއްގައި ދަމަނަވެށީގެ ޚިދުމަތް ޤާއިމްކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!