ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭކަށް ވެރިއަކު ނާންނަ ކަމަށާއި ވެރިން އަންނަނީ އަމިއްލަ ޖީބަށް ކަންތައް ކޮށްދޭން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މޮސްޓާ ވިދާޅުވީ އިއުލާނުކޮށްގެން ވިޔަސް، ބޭހެއް ކާންދީގެން ނޫނީ "އިހުލާސްތެރި ވެކްސިން" އެއް ޖަހައިގެން ވިޔަސް އިހުލާސްތެރި ވެރިއަކު ހޯދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކެމްޕެއިންތަކުގައި އެކި ލީޑަރުން ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ އޭނާ ވަނީ ވެރިކަމަށް އަންނައިރު ކޮންމެ ބަޔަކު ވެސް ވަރަށް އިހުލާސްތެރި ވާހަކަތަކެއް ދައްކަވާކަން ފާހަގަ ކުރައްވާފައެވެ. އަދި އުމަރު ބުނު ހައްތާބް އަދި އުމަރު ބުނު އަބްދުލް އަޒީޒު ފަދަ ވެރިކަމެއް ގެންނަން ވެގެން ވާހަކަދައްކަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ވެރިކަން ކުރަނީ އުތުރު ކޮރެއާގެ ކިން ކުރި ފަދަ ވެރިކަމެއް ކަމަށް ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

"ވެރިކަން ނިންމާފައި ނިކުންނައިރު ވެރިން ބޭނުންވަނީ މާލީގައި ރަސްކަން ކުރި މަންސާ މޫސާގެ ފަދަ ވެރިއަކަށްވާން." މޮސްޓާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގައި ތަރައްގީވަމުން އަންނަ ވަރަކަށް ސޯޝަލް މީޑިއާ ތަރައްގީވަމުން އަންނަ ވަރަކަށް ކޮންމެ 15 އަހަރަކުން ވޯޓެއް ނަގަން ގާނޫނު އަސާސީގައި ހިމަނަން ވާހަކަދައްކާ ހެން ހީވާ ކަމަށެވެ. އަދި ފުރަތަމަ ކަމަކަށް ގާނޫނު އަސާސީގައި ކޮންމެ 15 އަހަރަކުން ޓެކްނޮލޮޖީއަށް ބަދަލު އަންނާތީ ނިޒާމީ ވޯޓެއް ނަގަން ހިމަނަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.