ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބާސާ ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާ ވަނީ 5-0 ގެ ނަތީޖާއިން ބެޓިސް ބަލިކޮށްފައެވެ.
މި ނަތީޖާއާއިއެކު ބާސާއަށް ވަނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. އެއް މެޗު މަދުންކުޅެ ތާވަލުގެ ދެވަނާގައި އޮތީ 12 ޕޮއިންޓާއިއެކު ރެއާލް މެޑްރިޑެވެ. ތިންވަނާގައި އޮތް އެތުލެޓިކް ބިލްބާއޯއަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދި ޖިރޯނާއެވެ.
މިރޭ ރެއާލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އެބައޮތެވެ.
ރޭ މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ފެލިކްސް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ކްރިސްޓެންސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ.
ބާސާގެ ތިންވަނަ ލަނޑު 62 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު 66 ވަނަ މިނެޓުގައި ލެވަންޑޯސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަފީނިއާއެވެ. ބާސާގެ ފަސްވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެންސެލޯއެވެ.
މިއީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހަށް ފަހު ލީގު މެޗެއްގައި ބާސާއަށް ފަސް ލަނޑު ޖެހުނު ފުރަތަމަ ފަހަރެވެ.