މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ލިބިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ އެކުގައި މަސައްކަތްކުރަން ތިބި ކޮންމެ ޕާޓީއަކާއެކު ވެސް މަަސައްކަތްކުރުމަށް ޔާމީންގެ ރުހުން ލިބިފައިވާ ކަމަށެވެ.

Ad
rt

"މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މި ގައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކޮންމެ ބަޔަކާ އެކު ވެސް މަސައްކަތް ކުރަން ރައީސް ޔާމީން ރުހުން ދެއްވާފައި އޮތީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ޔާމީންގެ ތާއީދާ އެކުގައި ނުކުންނެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް 85،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

އެކަމަކު، އެއްވެސް ބޭފުޅަކަށް %50 އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރަކަށް ވަނީ ގޮސްފައެވެ.

ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ މަސައްކަތް ޕީޕީއެމް/ޕީއެންސީން ވަނީ ފަށައިފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން ވަނީ ޕީޕީއެމް/ޕީއެންސީއާ އެކުގައި ކޯލިޝަން ހަދަން ނިންމައި އެއްބަސްވުމުގައި ސޮއިވެސްކޮށްފައެވެ. އޭގެއިތުރުން ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގަޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކީގައި ވެސް ކޯލިޝަން މަޝްވަރާތައް ދަނީ ކުރަމުންނެވެ.