ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ހޯއްދެވި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޖޭޕީގެ މީޑިއާ ޓީމުން މިހައިތަނަށް އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެކެވެ.
ގާސިމްގެ ވިލާ ޕާކް (ސަން އައިލެންޑް) ރިސޯޓުގައި ކުރިއަށްދާ މި މަޝްވަރާގައި ޕީއެންސީގެ ފަރާތުން ބައިވެރިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިހާރުވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!