މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ބައެއް ޕާޓީތަކުން ސަރުކާރާ އެކު ކޯލިޝަން ހެދުމަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ހެއްދެވިފައިވާ ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށްގެން ދެވަނަ ބުރާ ކުރިމަތިލުމުން ކާމިޔާބު ވާނެކަން ޔަގީން އެބައޮތް ކަމަށެވެ. އުއްމީދުކުރި ނަތީޖާ ނުލިބުނީ ވޯޓުލާން ނުކުތް އަދަދާއި އެމްޑީޕީއަށް ނެރެވުނު އަދަދު ވެސް މަދުވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދާރީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ދެވަނަ ބުރުގައި ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
"މީހުން ނެރުމުގައި އަޅުގަނޑުމެންނަށް ކުރިން ކުރާ ވަރަށް މަސައްކަތްނުކުރެވި ހުރި ކަމަށް އެބަފެނޭ. އިރާދަކުރެއްވިއްޔާ މި ކަންތައްތައް ބަދަލުވީމަ އަޅުގަނޑުމެންގެ ޕްލެޖް ވޯޓަށް ބަލާއިރު މިއީ ނުވާނެ ކަމެއް ކަމަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް އިއްޔެ ވެސް ކުރިއަށް ގެންދެވި ކަމަށާއި އެކުގައި ކުރިއަށް ދާން ބައެއް ޕާޓީތަކުން އެއްބަސްވާ ފަދަ ގޮތަކަށް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ.
"ދެވަނަ ބުރަށް ނުދިޔަ ބައެއް ޕާޓީތަކާ އެކު އިއްޔެ ވެސް ބައެއް ވާހަކަތައް ދެކެވިފައި އެބަހުރި. އަޅުގަނޑުމެންނާ އެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި ހުރި ބައެއް ޕާޓީތައް އެބަތިއްބެވި. އަދި ރަސްމީކޮށް އެކަން އިއުލާން ކުރެވޭ ހިސާބަކަށް ނުދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ދޭއް ނުވަތަ ތިން ޕާޓީއަކުން ދެ ވަނަ ބުރުގައި އެމަނިކުފާނާ އެކު ކޯލިޝަން ހަދާނެ ކަމަށް ގަބޫލުކުރެވެއެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ، ދެވަނަ ބުރެއްގައި ކާމިޔާބު ހޯދަން އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހް ވާދަކުރެއްވީ، އަދާލަތު ޕާޓީ އަދި އެމްޑީއޭއާ އެކު ކޯލިޝަނެއްގެ ތެރެއިންނެވެ.
"ދޮގުތަކާއި އޮޅުވާލުންތަކަށް ރައްދު ނުދެވުމަކީ ލިބުނު ގެއްލުމެއް"
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބުނު އެންމެ ބޮޑު އެއް ސަބަބަކީ ގައުމުގެ މިނިވަންކަމާއި އިސްތިގާލު ގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދިޔަ ދޮގުތަކާއި އޮޅުވާލުންތަކަށް ރައްދުނުދީ ކެމްޕޭން ކުރެއްވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގެ ތިބި ކަމަށް ވެސް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ފަތުރަމުންދިޔަ ކަމަށާއި އެ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރަން ޖެހޭ ކަމަށެވެ.
"ދޮގު ވާހަކަތަކެއް ކިޔައިދީގެން ގަބޫލުކުރެވޭ ވަރަށް ރައްޔިތުންގެ ބޮލަށް ވައްދާފައި އެބަހުރި. އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަޅުގަނޑުމެންނަކަށެއް އެއަކަށް ރައްޔިތުންނަށް އޮޅުންފިލުވައިދޭ ވަރަށް ކެމްޕޭން ތެރެއަކު މަސައްކަތް ކުރެވިފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ވަނަ ބުރަކާ ކުރިމަތިލާނީ، އެފަދަ ވާހަކަތަކާ ގުޅިގެން ހާމަކުރެވެން ހުރި މިންވަރަށް ހުރިހާ އެއްޗެއް ވެސް ހާމަ ކުރެއްވުމަށް ފަހު ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް ހާމަކޮށް އަޅުގަނޑުމެން ރައްޔިތުންނަށް އޮޅުން ފިލުވާ ދޭނަން،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް މި މަހުގެ 30 ގައި ބާއްވާ އިރު، އެ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހްގެ އިތުރުން ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގައި މުއިއްޒަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 85،000 އަށް ވުރެ ގިނަ ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!