ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ބާތިލުކުރެވޭ އަދަދަށް މެމްބަރުންގެ ސޮއި ހަމަކޮށް، އެ ދެ މައްސަލަ ވެސް އަނބުރާ ގެންގޮސްފިއެވެ.
ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެމަނިކުފާނާއި އީވާގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ވަނީ ނިންމައިފައެވެ. އެ ނިންމުން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވަކިކުރުމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް އެއީ މައްސަލަ ކުރިއަށް ނުގެންދެވޭނެ އަދަދެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެ މައްސަލަ ބާތިލް ކުރަން މަދުވެގެން އަދި އަށް މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ.
އޭގެ ފަހުގައި، ނަޝީދު ރިޔާސަތު ހަވާލު ކުރައްވާފައި ވަނީ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއެވެ. ހަސަން އަފީފް މައްސަލަ ކުރިއަށް ގެންދަވަން ފެއްޓެވުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ މައްސަލަ ނަންގަވައިފައެވެ. އަދި އިތުރު މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާއަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
އެމްޑީޕީން އެދުނު ގޮތަށް ޖަލްސާ މެދުކަނޑައިލެއްވުމަށް ފަހު، ޖަލްސާ އަލުން ފައްޓަވައި އަފީފް ވިދާޅުވީ ނަޝީދާއި އީވާ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަޝީދާއި އީވާގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ މައްސަލަތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އަފީފް ވިދާޅުވިއެވެ.
އެއާއެކު، މިއަދުގެ ޖަލްސާ އަފީފް ވަނީ ނިންމަވާލައްވައިފައެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދި ހިސާބުން ފެށިގެން މަޖިލިހުގެ ޖަލްސާތައް ނުހިނގައެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ވެސް މުޅިން ހެން އޮތީ ހުއްޓިފައެވެ. އެއް ބަޔަކު ބުނަމުން ދިޔައީ މަޖިލިސް ހުއްޓިފައި އޮތުމުގެ ޒިންމާ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ނަންގަވަން ޖެހޭ ކަމަށެވެ. އަނެއް ބަޔަކު ބުނީ އެ ޒިންމާ ނަގަން ޖެހޭނީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ކަމަށެވެ.
ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނަން އެމްޑީޕީން ކުއްލި ގޮތަކަށް ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ގާތްވެފައި ވަނިކޮށެވެ. ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެންނާނެއެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ކޯލިޝަން ހެދުމަށްޓަކައި އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!