ދިވެހީންގެ އެއްބައިވަންތަކަން ގުޅިފައި ވަނީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއެވެ!

IMG_5626

ދިވެހީން މިހާތަނަށް ދެކެމުން އައީ މާތް ﷲގެ ރަޙްމަތުން އެންމެ އަމާންއޮމާން ދިރިއުޅުމެވެ. މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމަކީ ދިވެހީންގެ އެންމެ ޚާއްޞަ އެއް ސިފަ ކަމުގައި އައީ ބެލެވެމުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުވެރީންނާއި ފަތުރުވެރީން، ދިވެހި މުޖުތަމަޢުގެ އަމާންއޮމާންކަމާއި ޞުލްޙަމަސަލަސްކަމާއި، ދިވެހިންގެ އޯގާތެރިކަމާއި މަޑުމައިތިރިކަން އައީ އަބަދުވެސް ފާހަގަކުރަމުންނެވެ.

މި ހުރިހާ ކަމެއް ދިވެހީންނަށް ހާސިލުވެފައި ވީ، ދިވެހީންގެ ދީނީ އެއްބައިވަންތަކަމުގެ ސަބަބުންކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އަޅުގަނޑުމެންނަކީ އެއް ދީނަކަށް އެއް މިއްލަތަކަށް އެއް މަޒުހަބަކަށް ތަބާވެ، އެއް ބަހަކުން ވާހަކަ ދައްކަމުން އައި ބައެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހަމަޖެހުމަކީ އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން ކަމުގައި ދަންނަވަން ޖެހެނީ އެހެންވެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ތަޅާފޮޅުމާއި އަހުލީ ހަނގުރާމަތައް ހިނގާފައިވާ މައިގަނޑު ސަބަބުތަކަކީ އެބައިމީހުންގެ މެދުގައި އޮންނަ ދީނީ ބައިބައިވުމެވެ. މަޒްހަބީ ތަޅާފޮޅުމެވެ. ނަސްލީ ތަފާތުކުރުމެވެ.

ނަމަވެސް މާތް ﷲގެ ރަޙްމަތުން އަޅުގަނޑުމެން ދިވެހީންގެ މެދުގައި މިފަދަ އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. އެ ދެކޮޅުވެރިކަން އުފެދެން ޖެހޭ ސަބަބު ވެސް ނެތީއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަން އޮތީ އިލާހީ ރަޙްމަތެއްގެ ގޮތުން ޤާއިމުވެފައެވެ. އެ އެއްބައިވަންތަކަމުގެ ސަބަބުން ދިވެހީން އުޅެމުން އައީ އަޚުންތަކެއްގެ ފަދައިންނެވެ. އެއް މިއްލަތެއްގެ އެއް ބަހަކުން ވާހަކަ ދައްކާ ބައެއްގެ ގޮތުގައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަމުގެ އަތް ދިއްކޮށް، އޯގާތެރިކާއި އަޅާލުމާއި ކުލުނު ފޯރުކޮށްދެމުން ދިޔަ ރައްޔިތުންތަކެއްގެ ގޮތުގައެވެ.

ހިތާމައަކީ ޒަމާން ބަދަލުވެ، އަޅުގަނޑުމެންގެ ތެރޭގައި މި އޮތް އެއްބައިވަންތަކަމަށް ބުރޫ އަރުވާ ފަދަ ކަންކަން ފާޅުވުމެވެ. ދީނީ އެއްބައިވަންތަކަން ނަގައިލުމުގެ ގޮތުން، އަށްޑިހައާއި ނުވަ ދިހައިގެ އަހަރުތަކުގައި ނަޞާރާ ދީން ފަދަ ދީންތަކަށް އެއް ބަޔަކު ދީލައިލާން ފެށީއެވެ.

އެއަށް ފަހު، ކުފުރާއި އިލްޙާދު ވެސް ރީތިވާން ފެށީއެވެ. ޢަލްމާނިއްޔަތާއި ލާދީނިއްޔަތު ވެސް ކުރިއަރުވަން ފެށީއެވެ. ދީނަށް ނަޞްރު ދިނުމުގެ ބަދަލުގައި އަލަށް އުފެދިފައިވާ ޒަމާނީ ޤަބީލާ ނިޒާމަށް (ސިޔާސީ ޕާޓީތަކަށް) ޙައްޤާއި ބާޠިލެއް ބެލުމެއް ނެތި ނަޞްރު ދީ ތަޢައްޞުބު ވާން ފެށީއެވެ. މި ކަންކަމުގެ ސަބަބުން ދިވެހިން ދެކެމުން އައި ޒަމާންވީ އެއްބައިވަންތަކަމާއި އަމާންއޮމާންކަން ނެތި ހިނގައްޖެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ، ޞުލްޙަމަސަލަސްކަމަށް ލޯބި ކުރަމުން އައި ދިވެހީންގެ މެދުގައި ބައިބައިވުމާއި ރުޅިވެރިކަމުގެ އަލިފާން ރޯވެއްޖެއެވެ. އިޖްތިމާޢީ އޯގާތެރިކަމާއި ދީނީ އެއްބައިވަންތަކަމާއި އަޚްލާޤީ މަތިވެރި ސިފަތައް ގެއްލި ހިނގައްޖެއެވެ.

އަޅުގަނޑުމެންގެ ޤައުމުގެ އެއްބައިވަންތަކަން ގެއްލިގެން މި ދަނީ އަޅުގަނޑުމެން އަމިއްލަ އަތުން ކުރި ކަންކަމުންނެވެ. މާތް ﷲ ގެ ދީނާއި އެ އިލާހު ރަސޫލާއާއި ދީނުގެ ޝިޢާރުތަކަށް ބަޔަކު މީހުން ފާޅުގައި ފުރައްސާރަ ކުރަނީއެވެ. ދީނީ ޙުކުމްފުޅުތަކަށް ގޮންޖަހައި ބަސް ބުނަނީއެވެ. އެ ބަަޔަކާ ދެކޮޅަށް އެޅޭނޭ ފިޔަވަޅެއް ނެތް ތަނުގައި، އެ ބަޔަކަށް މަތީ މަޤާމުތައް ހަވާލުކުރެވެމުން ދަނީއެވެ. މުސްލިމުންގެ މައްޗަށް ބަސްބުނެ، މުސްލިމުންގެ ކަންކަމުގައި ސިޔާސަތު ކަނޑައަޅާ ބަޔަކު ކަމުގައި އެބައިމީހުން ވެއްޖެއެވެ.

ދިވެހީންގެ އެއްބައިވަންތަކަން ގުޅިފައި ވަނީ އިސްލާމްދީނުގައި ހިފެހެއްޓުމުގައި ކަމާ މެދަކު ޝައްކެއް ނެތެވެ. މި ޙަޤީޤަތް އަޅުގަނޑުމެން ޤަބޫލުކޮށް، އިލާހީ ރަޙްމަތުން ދެއްވާފައި މި ވާ އެއްބައިވަންތަކަމުގެ ނިޢުމަތަށް ދިވެހި ކޮންމެ ދަރިޔަކު ވެސް ރައްކައުތެރިވާން ޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *