ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ކެމްޕޭން ފެށީ ތިލަދުންމަތިންނެވެ. ޑރ. މުޢިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ތިލަދުންމައްޗަށް ވަޑައިގަތުމާއި އެކު ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
- ހއ. ވަށަފަރުގެ ދަރިއެއް، އެކަމަށް ވަރަށް ފަޚުރުވެރިވޭ
ޑރ. މުޢިއްޒު އަކީ ތިލަދުންމަތީ ވަށަފަރު އަލްޙާއްޖަ ޙުސައިން ޚަތީބު ތަކުރުފާނުންގެ ފުތް ވަށަފަރު ތަކުރުފާނު ޢަބްދުއްރަހްމާންގެ ފުތް އައްޝައިޚް ޙުސައިން ޢަބްދުއްރަހްމާންގެ ފުތް ޑރ. މުޙައްމަދު މުޢިއްޒެވެ. ޑރ. މުޢިއްޒުގެ ކާފައަކީ ހދ. މަކުނުދޫ ބޭފުޅެކެވެ.
މާލެ ސިޓީ މޭޔަރުކަމަށް ޑރ. މުޢިއްޒު ކުރިމަތިލެއްވިއިރު ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން "ވަށަފަރު މުޢިއްޒު" އޭ ކިޔާ ވަރަށް ބޮޑަށް ފުރައްސާރަކުރަމުންދިޔައެވެ. އެމްޑީޕީގެ "ރަށްވެހި ފަތިސް" ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ "ވަށަފަރުން ނަމަވެސް ވަޑައިގެން މުއިއްޒު، މާލޭގެ ރައްޔިތުންގެ ގާތު ވޯޓެއް ހޯދަން އެދިވަޑައިގަތަސް އެ މީހުން ވޯޓު ނުދޭނެ" ކަމަށެވެ. އެހެންނަމަވެސް ހުރިހާ ފާޑުކިޔުންތަކާއި މަލާމާތްތަކަށް ޖަވާބަކަށް މާލޭގެ މޭޔަރުކަން ފުރިހަމަ ނަތީޖާއަކުން ކާމިޔާބު ކުރެއްވިއެވެ. އޭރު ޖަލްސާއެއްގައި ޑރ. މުޢިއްޒު ވަނީ އެފުރައްސާރައަށް ޖަވާބު ދެއްވާފައެވެ.
"ބައްޕައަކީ ފަޚުރުވެރިކަމާ އެކު ހއ. ވަށަފަރުގެ ދަރިއެއް ކަމަށާއި އެކަމަށް ވަރަށް ފަޚުރުވެރިވާ"ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅު ސިފަކުރެއްވީ "މާލެ އާއި އަތޮޅުތައް ތަފާތު ކުރެއްވުން" ކަމުގައެވެ.
- މެނިފެސްޓޯގައި އުތުރުގެ ތަރައްޤީގެ ޒޯނެއްގެ ތަސައްވަރު
މާލެއަށް ތޮއްޖެހުމާއި ތަރައްގީ ހަމައެކަނި މާލެ ސަރަހައްދަށް އޮތް އޮތުން ނިމުމަށް ގެނައުމަށް ޑރ. މުޢިއްޒުގެ މެނިފެސްޓޯގެ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން (ޗެޕްޓަރު 4)ގައި ހިމަނާފައިވަނީ މަތީ ފަންތީގެ ޚިދްމަތް ލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ތަރައްގީ ކުރުމަށެވެ. ތިލަދުންމަތީގެ ކަންކަން އިދާރީ ގޮތުންނާއި އިޤްތިސާދީ ގޮތުން ހަރަކާތްތައް ހިނގާނީ ކުޅުދުއްފުށީގައެވެ.
ޞިއްޙަތާއި އަދި ތިމާވެށްޓާއި ރަޙްމަތްތެރި އީ-ބައިކް ނިޒާމެއް ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އިތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ކުޅުދުއްފުށި ސިޓީއެއްގައި ވަޤްފު ބިން ޤާއިމްކުރެވިގެންދާނެއެވެ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރަށްތަކުގެ އަސާސީ ކަންކަން ކޮށްދޭން ވަޢުދުވާން ނުޖެހޭނެ ކަމަށާއި، އެކަންކަން އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެކަމަށެވެ.
- ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ
މާލޭގެ އިންޓަނޭޝަނަލް އެއާރޕޯޓްގެ އިތުރުން ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކުރުމަށް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. ހދ. ހަނިމާދޫގައި މިސަރުކާރުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެޓްއަކީ މިއިންތިހާބުގައި ވަރަށް ބޮޑު މައުލޫއެކެވެ. ހަނިމާދޫގައި ކުރިއަށް ގެންދާ އެއާރޕޯޓް ޕްރޮޖެކްޓްގެ ފަހަތުގައި އިންޑިއާގެ އަޅުވެތިކަން އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ސިފަ ކުރަމުންނެވެ.
ހަނިމާދޫ އެއާރޕޯޓް ޕްރޮޖެކްޓަށް އަށް އިޝާރާތްކޮށް ޑރ. މުޢިއްޒު ވަނީ ވާހަކަ ދައްކަވާފައެވެ. މި ސަރުކާރުން އެގްރީމެންޓުގައި ސޮއިކޮށް، ފަށާފަ ހުރި އެއްވެސް މަޝްރޫއެއް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ އެ މަޝްރޫއުތަކާއި އެގްރީމެންޓުތައް ބެލޭނެ ކަމަށެވެ. އަދި އެއިން ރައްޔިތުންނަށް ވަނީ ބޮޑު ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ.
ރައްޔިތުންނަށް ފައިދާވާ ކަހަލަ ކަމެއް ހިނގަންޏާ ކުރިއަށްދާނެކަން ފާހަގަކުރައްވާ މިސާލެއްގެ ގޮތުން ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ނަންގަވާފައެވެ. އެ މަޝްރޫއާ ގުޅޭގޮތުން ވިދާޅުވީ އެ މަޝްރޫއުގެ ތަފްސީލުތައް އެހާބޮޑަށް ނޭނގުނަސް ޔަގީނުން ވެސް "އެއީ ވަރަށް މުހިންމު މަޝްރޫއެއް" ކަމަށް ޑރ. މުޢިއްޒު "ތިލަދުން"އަށް ދީފައިވާ ހާއްސަ ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.
- ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުން
ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ "އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް"ގެ ވަޢުދު މިފަހަރުވެސް ޑރ. މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ. އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ކައިރި ސަރަހައްދަކަށް ވުމުން، މިއީ މި ކަމަށް އެންމެ އެކަށީގެންވާ ސަރަހައްދެވެ. ޕީޕީއެމްއިން ދެކޭގޮތުގައި މި ބޮޑު މަޝްރޫއުގެ ސަބަބުން ތިލަދުންމަތީގެ އިޤްތިސާދަށް ބޮޑު ބަދަލެއް އަންނާނެއެވެ.
- ކޭލަކުނު އިކޯ ޓުއަރިޒަމްގެ ރަށަކަށް
ހދ. ކޭލަކުނަކީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާ އެރަށުން އާމްދަނީ ލިބޭނެ ތަނަކަށް ހެދުމަކީ ޑރ. މުޢިއްޒުގެ ތަސައްވަރެކެވެ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ހދ. އަތޮޅަށް އިގުތިސާދީގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ކަމަށާއި އެކަން ކުރާނީ ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްގައި ކަމަށެވެ.
- ހދ. މަކުނުދޫ އެއާރޕޯޓްގެ މަސައްކަތް ހުއްޓާނުލާނެ
މި ސަރުކާރުން މަކުނުދޫގައި ގާއިމް ކުރަމުންދާ އެއާޕޯޓުގެ މަސައްކަތަށް ހުއްޓުވާނެކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވާތީ އެކަމަށް އަލި އަލުއްވާލައްވާ ޑރ. މުޢިއްޒު ވިދާޅުވީ ތިމާވެށީގެ ގޮތުން އެރަށަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ރަށުގެ ރައްޔިތުން ބުނާ ކަމަށާއި އަދި އެރަށުގެ ފަޅަށް ލިބޭނެ ގެއްލުން އެ ރަށުގެ ރައްޔިތުން ނޫން ބަޔަކަށް ނޭނގޭނެ ކަމަށާއި އިހްލާސްތެރިކަމާއެކު މަކުނުދޫގެ ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއު ބަދަލުކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި މަކުނުދޫ އަކީ ބިމުގެ ދަތިކަން އޮތް ރަށެއް ކަން ފާހަގަ ކުރައްވާ ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބިން ހިއްކާއިރު، އެ މަޝްރޫއުތަކާއި ގުޅުވައިގެން އެރަށަކަށް ބޭނުންވާ ބިން ހިއްކުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެއާޕޯޓު މަޝްރޫއު ބަދަލު ގެނެސްގެން ކުރިއަށް ގެންދާ އިރު، އެއާއި ގުޅުވައިގެން ގޯތީގެ ދަތިކަމަށް ހައްލު ގެނައުމަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
- ދިއްދޫއަށް އެއާރޕޯޓެއް
ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަން އެނގޭ ކަމަށާއި އެއީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ދިއްދޫގައި އެއަރޕޯޓެއް އަޅާނެކަމުގެ ޔަގީންކަން ދެއްވިއެވެ.