މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރ. އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަވާނެކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ، ރިޔާސީ ކެމްޕޭންގައި އިއްޔެ އިރުއޮއްސެނިކޮށް އަލިފުއްޓަށް ވަޑައިގެން އަލިފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އަލިފުށީ އެއާޕޯޓަކީ އެ ރަށު ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއުކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިއްޔެ ވަނީ، އައު ދައުރަކަށް އަލިފުއްޓަށް ގިނަ ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ. މީގެ ތެރޭގައި އަލިފުށީގެ ބިން ހިއްކުމާއި، އެރަށުގައި ރޯހައުސް ނުވަތަ ފްލެޓް އަޅައިދިނުމާއި، އެރަށުގައި އާޓިފިޝަލް ބީޗެއް ތަރައްގީކޮށްދިނުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމެއް އެރަށުގައި ގާއިމުކޮށް ދިނުމާއި، އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމާއި، ތާރުއަޅައިގެން ރަށުގެ ހުރިހާ މަގެއް ހަދައިދިނުމާއި، ފުޓްސަލް ދަނޑެއް އަޅައިދީ އެރަށުގައި އިންޑޯ، އައުޓްޑޯ ސްޕޯޓްސް އެރީނާއެއް ހަދައިދިނުން ހިމެނެއެވެ.

މީގެ އިތުރުން ވެސް އެރަށު ޓިވެޓް ސެންޓަރު ސްކޫލް ދަރިވަރުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމާއި، އެރަށުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމުކޮށް ދިނުމާއި، އެރަށް ކައިރީ އޮންނަ އެއްތިނގިލީގައި ރިސޯޓެއް ތަރައްގީކޮށް ދިނުމާއި، އައު އިންޖީނުގެއެއް އަޅައިދިނުމާއި، ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް އޭސީކޮށް ސައިންސް ލެބް ތަރައްގީކޮށްދިނުމާއި، އެރަށު ހުކުރު މިސްކިތް އޭސީކޮށްދީ އަދި އެރަށުގައި ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމުކުރުމަކީ ވެސް އަލިފުއްޓަށް ރައީސް ވެވަޑައިގަތް އިތުރު ރިޔާސީ ވައުދުތަކެވެ.