ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓްރީން ހަވާލުކުރަން ފަށައިފިއެވެ.
ރައީސް ސާލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށް ގެންދާ މި ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ ބައެއް މީހުންނާ އެކު މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ގުޅީފަޅުގައި ބޭއްވި ރަސްމިއްޔާތުގައި އެކި ބޮޑުމިނުގެ 21 ގޯތި ވަނީ ކަނޑައި، ރަޖިސްޓްރީ ހަވާލުކޮށްފައެވެ.
ގުޅިފަޅުން ގޯތި ދޫކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު ހިއްކައިގެން އުފައްދާފައިވާ ބިމާއި ޖެހިގެން މިސަރުކާރުން އަލަށް ހިއްކައި އުފެއްދި ބިމުންނެވެ.
ގުޅިފަޅުން ޖުމްލަ 2،219 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އިއްޔެ ދޫކުރަން ފެށީ 2،450 އަކަފޫޓުގެ ގޯއްޗެވެ. ބިންވެރިޔާ ސްކީމުގައި އެކި ބޮޑުމިނުގެ ގޯތި ހިމެނޭއިރު، 4،000 އަކަފޫޓުގެ ގޯތި ފިޔަވާ އެހެން ބޮޑުމިނުގެ ގޯތި ވެސް ގުޅިފަޅުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ހުރިހާ ގޯއްޗެއްގެ އިންވަކިކޮށް ހަވާލުކުރާނެ ކަމަށެވެ. އަދި ގުޅިފަޅުގައި މީހުން އާންމުކޮށް އާބާދުވެ ނިމޭއިރު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ގުޅިފަޅުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އާއި ގުޅިފަޅު ބަލަހައްޓާ އާބަންކޯ އާއި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅިގެން ގުޅިފަޅުގައި ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އަންނައަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުޅިފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ގިނަ ވެގެން އަހަރެއްގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ނުދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ބުނިނަމަވެސް ސަރުކާރުން މިކަން ކުރަނީ ޕްލޭނެއް އޮވެ، އެ ޕްލޭނާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގެންދަނީ ގޯތި ދޫކުރަމުންނެވެ.
މި ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ.
ސަރުކާރުން ނިންމާފައިވަނީ މިބުރުގައި ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!