އާރޓް ގެލަރީގެ ވަށައިގެން ހުރީ އެކި ކުލައިގެ، އެކި ވައްތަރުގެ ފަންނީ ހުނަރެވެ. ކުރެހުމާއި، އަތްތެރި މަސައްކަތާއި، ފެންކުލައިގެ "އައިޖައިބެއް ކަހަލަ" ތަސްވީރު ތަކެވެ. ހަތަރު ބިތުންވެސް ފެންނަނީ ކުރެހުމުގެ ދުނިޔެއިން ފެންނާނެ ހުރިހާ ކުލައެކެވެ. ނެތް ހުނަރެއް، ނެތް ކުލައެއް ނެތެވެ.
މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން، ވަރަށް ޖޯޝީ ވާހަކަ ތެކެއްވެސް އަޑު އިވެއެވެ. ތިން ހަތަރު މީހުންގެ މެދުގައި ވާހަކަ ދައްކަން އެ ހުރީ މަޝްހޫރު ކުރެހުންތެރިޔާ "ކުރަހާ ރާއްޕެ" އެވެ. ކައިރީގައި ހުރީ ކުނިތަކެކެވެ. ހިކި ފަތާއި، ކުނިއަޅައި އެއްލާލައިފައި ހުރި ކޮތަޅެވެ. ހުސްފުޅި އާއި ދަޅެވެ. ވަދު ކަނޑައިގެން ގޮސް އޮތް ފައިވާނަކާއި، ކަރުދާސް ކޮތަޅާއި ފުޅިމަދެވެ. ނަޖިސް ހޭކިފައި އޮތް ނެޕީއެއްވެސް އޮތެވެ. މެދުގައި ހުރީ ލަކުޑިން ހަދާފައިވާ ވީލްޗެއަރ އެކެވެ. ތަޅުންގަޑުގައި ލިޔެފައި ވަނީ " ވާނެބާ" މިހެންނެ އެވެ.
ވަށައިގެން ހުރި ހުރިހާ ފަންނީ ހުނަރެއް ގޮސް ހުއްޓެނީ މި ސުވާލަށެވެ. އެ ކުނިބުނިތަށް ކައިރީ ބަހައްޓަފައި ހުރި ދިގު ލަކުޑި ގޮނޑީގައި ހަމަޖެހިލައިގެން، ގެލަރީގެ ބިތުގައި ހަރުކޮށްފައި ހުރި ތަސްވީރަކަށް ބަލާލުމުން އެ ސުވާލު ހަމަ ކޮންމެ މީހަކަށް އަމާޒުވެއެވެ. އެސުވާލު އެންމެ ބޮޑަށް ރައްދުވަނީ ޚުދު ކުރެހުންތެރިޔާ ރާއްޕެއަށެވެ. އެ ސުވާލަށް އޭނާ ޖަވާބުވެސް ދެއެވެ. އެހެންކަމުން ފަންނީ މަސައްކަތުގެ ތެރެއިން ރާއްޕެ ބޭނުންވަނީ އެ ހަޤީގަތަކާއި މިއަދު ކުރިމަތިލާށެވެ.
އެ ތަސްވީރުން ފެންނަނީ ކުޑަ ފިރިހެން ކުއްޖަކު "ބަލާ މީހާ" އާއި ދިމާލަށް އިނގިދިލި ދިއްކޮށްލައިގެން ހުންނަ ތަނެވެ. ތިރީގައި ރާއްޕެގެ އަމިއްލަ "ސޫރަ" ކުރަހާފައިވާ ތަސްވީރެއް ބަހައްޓަފައި ހުއްޓެވެ. އެ ކުއްޖާ އެ ސުވާލުރަނީ ކުރެހުން ތެރިޔާއަށެވެ. ރާއްޕެއަށެވެ. " ރާއްޕެ...ކަލެއަށް މިކަން ވާނެ ހެއްޔެވެ؟" އޭނާ ކިޔައިދޭން ބޭނުންވަނީ އެ ވާހަކަ އެވެ. އެއީ އެބައެއްގެ މުޅިހަޔާތް ވީލްޗެއަރގައި ހޭދަކުރާ އެތަށް ކުދީންނެއްގެ ހައްޤުގައި ކުރަހާ ރާއްޕެ އުފުލަން ބޭނުންވާ އަޑެކެވެ.
މާލޭގެ މި ކާރޫބާރޫ ބޮޑު މަގުތަކުގައި ވީލްޗެއަރގައި އުޅޭ ކުދީނަށް ހުރި ގޮންޖެހުންތައް ބައިވަރެވެ. ޕޭމަންޓު މަތީ ކުނިކޮތަޅު ބެހެއްޓުމާއި، ކުނިބުނިން މަގުތަށް ނަޖިސްވުމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ.
ރާއްޕެގެ ސޯލޯ އާރޓް ގެލަރީން އެ ފެންނަނީ ކުރެހުންތެރިޔެއްގެ ސިކުނޑިން، އެ ބޮޑު މައްސަލައަށް ހައްލު ހޯދުމަށް ކުރާ ވަކާލާތާއި، އެކަމަށް ކުރެވޭ އުންމީދެވެ. މުޖްތަމައުއަށް ދޭން ބޭނުންވާ މެސެޖެވެ.
"މިއަދު ނަގާފައި ހުރި ފޮޓޯތަކެއްގައިވެސް އެބަހުރި، ރިހަކޮތަޅާ، ކުންޏާ، އޭތިމީތި، އަނެއްކާ މިހާރު ކުނި މި އުކާލަނީ މަގުމަތީގައި ހަބައްޓައިގެން، ދެން ފެންއެޅި އެ ކުނިތަކާއި އެކު ޕޭމަންޓު އެބަ ހަޑިވޭ، އަހަރުމެންނަށް ގެއަށް ވަންނައިރު ބޫއްޓު ބޭލިދާނެ، އެކަމަކު މިކުއްޖާ ކިހިނެތް ފުރޮޅު ނައްޓާލައިގެން ގެއަށް ވަންނާނީ.. އެހެންވެ އެކުއްޖާގެ ވީލްޗެއަރގައި އެ ހޭކޭ ހުރިހާ ނަޖިހަކާއެކު އޭނަ ކޮޓަރިއަށް ނޫނީ އެނދާ ހަމައައަށްވެސް އެ ދަނީ" އާރޓް ގެލަރީގައި ހުރި ވީލްޗެއާރއަށް އިޝާރާތް ކުރަމުން ރާއްޕެގެ އިހްސާސްތައް ބަންޑުން ކޮށްލިއެވެ.
މި ބޮޑު މައްސަލައަށް ކުރިމަތި ނުލާ ހުރުން ރާއްޕެއަކަށް ފަސޭހައެއް ނޫނެވެ. އެކަން ބަދަލު ކުރަން އޭނާ ބޭނުންވެއެވެ. ހިނގާ މީހުންނާއި، ވިލްޗެއާގައި އުޅޭ ކުދީނަށް ދަތިވާގޮތަށް ޕާކު ނުކުރުމެވެ. ކުނި ގޮތަޅުތަކުން މަގުތަށް ހަޑި ނުކުރުމެވެ. މި މުޅި އާރޓް ގެލަރީވެސް އެ ބިނާވަނީ އެކަމުގެ މައްޗަށެވެ. އެ ކުރެހުންތަކާއި ފަންނީ މަސައްކަތްތަކުގެ މަޤްސަދަކީ ވެސް އެއީއެވެ. އެންމެ މީހަކު ނަމަވެސް ބަދަލުވުމެވެ. "ކުރަހާރާއްޕެ" ބޭނުމީ އެ ހެޔޮ ބަދަލު މުޖްތަމުއަށް ގެންނާށެވެ.