ސްޕެނިޝް ލަލީގާގައި ރޭ ޗެމްޕިއަން ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ވަނީ ދެ ޓީމުން ވެސް ހޯދާފައެވެ. މިގޮތުން ބާސާގެ ގުންޑޮގަންއަށް ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވުނުއިރު، އޮސަސޫނާގެ އޮރޮޒްއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތު ގުންޑޮގަން ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޫންޑޭއެވެ.
މެޗުގެ 76 ވަނަ މިނެޓުގައި އޮސަސޫނާއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އަވިލާއެވެ. ބާސާގެ އޭރިއާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަދެފައި ވަނީ ދަނޑީގައި ޖެހިފައެވެ.
މެޗުން ބާސާ މޮޅުވި ލަނޑު 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. ބާސާއަށް މި ޕެނަލްޓީ ލިބިފައި ވަނީ އޮސަސޫނާގެ އޭރިއާތެރެއިން ޑިފެންޑަރ ކަޓޭނާ ލެވަންޑޯސްކީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މި ފައުލަށް އޭނާއަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ވީއޭއާރުން ބެލުމަށް ފަހު ވަނީ ރަތް ކާޑަކަށް ބަދަލު ކޮށްފައެވެ.
ދާދި ފަހުން ލޯން އެއްބަސް ވުމެއްގެ ދަށުން ބާސާއާއި ގުޅުނު ޕޯޗުގަލްގެ ފޯވާޑް ފެލިކްސްއާއި، ޕޯޗުގަލްގެ ފުލްބެކް ކެންސެލޯ މި މެޗުގައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގަ ކުޅެފައެވެ.
މި މޮޅާއިއެކު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓް ހޯދި ރެއާލް މެޑްރިޑެވެ. އޮސަސޫނާ މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!